މި ސަރުކާރު އައީ "ވިޒިޓް މޯލްޑިވްސް" ގެ ދަށުން ޗުއްޓީ ހޭދަކޮށްލަން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން 2027 ގެ ނިޔަލަށް ފަސް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވިދާޅުވީ މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު، މަސައްކަތްތައް ނިމިފައި ނުވަނީ 50 ވަރަކަށް ރަށެއްގައި ކަމަށްވާއިރު، މިހާރު އެ ރަށްރަށުގައި އެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާއި، އެ މަސައްކަތްތައް ކުރިއަށްގެންދަން ސަރުކާރުގައި ލާރި ނެތް ކަމަށެވެ.
މި ސަރުކާރު އައީ ވިޒިޓް މޯލްޑިވްސްގެ ދަށުން ޗުއްޓީ ހޭދަކޮށްލަންކަމަށާއި، މި ސަރުކާރުގައި އޮންނަނީ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ރައްޔިތުންގެ ފައިސާއިން ޕާޓީ ބާއްވައި މަޖާ ކުރުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"ކުރުކޮށް ބުނަންޏާ މި ސަރުކާރު އައީ ވިޒިޓް މޯލްޑިވްސްގެ ދަށުން ޗުއްޓީ ހޭދަކޮށްލަން. އޮންނަނީ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ރައްޔިތުންގެ ފައިސާއިން ޕާޓީ ބާއްވައި މަޖާ ކުރުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުން،" ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިބީ އެމްޕީއެލް އާއި ފިއުލް ސަޕްލައި ރިޕޯޓްތަކުގައި ތިބި މީހުން ކަމަށާއި، ތިމާ ކައިރީގައި ހުންނަ މީހާ ވައްކަން ކުރީމައި އެ ތަނުން ކަނޑާލާފައި ގެންގޮސް ޑެޕިއުޓީ މިނިސްޓަރަކަށް ލީމައި އެއީ ވައްކަމަށް ނޫނެކޭ ބުނުން ނޫން ކަމަށެވެ.
މީގެ އިތުރުންވެސް ޣަފޫރު ވަނީ އެޗްޑީސީގެ މެނޭޖުމަންޓަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެންވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.