ހުޅުލޭގައި ވަޒީފާ އަދާކުރާ މީހުންގެ ވެހިކަލް ޕާކު ކުރުން އެމްއޭސީއެލް އިން މަނާކުރުމުން ބޮޑު ތަކުލީފަކަށްވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި ޕާކު ކުރުން އެމްއޭސީއެލް އިން މަނާކޮށް، އެތަނުގައި ކުރިން ބޭނުންކުރަމުން އައި ވެހިކަލް ޕާކިން ޒޯނު ނެގީ އާ ޓާމިނަލް މިދިޔަ މަހު 26ގައި ހުޅުވުމަށެވެ. އޭގެ ފަހުން އެތަނުގައި ވެހިކަލް ޕާކު ކުރާނެ ޖާގައެއް ނުދެ އެވެ.

އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ގެންދަނީ އެމްއޭސީއެލް ނިންމި ނިންމުމާ މެދު ހިތްނުޖެހުންފާޅު ކުރަމުންނެވެ.

އެއާޕޯޓުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބުނީ މިހާރު ހުޅުމާލެ އިން ވެސް އަންނަނީ ފެރީއަކަށް އަރައިގެން މާލެ ގޮސް، މާލެއިން ފެރީއަކުން ކަމަށެވެ.

ހުޅުލޭގައި ވެހިކަލް ޕާކުކުރުމަށް ހަދާފައިވާ ސަރަހައްދުގައި ވެހިކަލްތަކެއް ޕާކުކޮށްފައި. މިހާ އެތަނުގައި ވެހިކަލް ޕާކުކުރާނެ އެއްވެސް ޖާގައެއް ނެތް. ފޮޓޯ: އެމްއޭސީއެލް

"މިތަނުގެ ވެރިންނަށް އެބަ އެނގެން ޖެހޭ މިއީ އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރާ ތަނެެއްކަން. މިފަދަ ނިންމުމެއް ނިންމާއިރު މުވައްޒަފުންނަށް ތަކުލީފަކަށް ނުވާނެ ގޮތަށް މިކަން އިންތިޒާމް ކުރެވެން ޖެހޭނެ،" އޭނާ ބުންޏެވެ.

އެ އެެއާޕޯޓުގައި މަސައްކަތް ކުރާ ރިސޯޓެއްގެ ރެޕަކު ބުނީ މާލެއިން އެއާޕޯޓަށް މިހާރު ދާން ޖެހެނީ ފެރީގައި ކަމަށެވެ. އަދި ފެރީގައި ދިއުމަށް މާލޭގައި ވެސް ސައިކަލް ޕާކުކުރާނެ ޒޯނެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"މާލޭގައި ވެސް ޕާކުކޮށްފައި އަންނައިރު ބައެއް މީހުންގެ ސައިކަލް ހުންނަނީ ފުލުހުން ޓޯކޮށްފައި. މިއީ ދެން މިހާރު ބޮޑު މުސީބާތަކަށް ވެއްޖެ ކަމެެއް،" އެ މީހާ ބުންޏެވެ.

ހުޅުލޭގައި ވެހިކަލް ޕާކުކުރުމަށް ހަދާފައިވާ ސަރަހައްދުގައި ވެހިކަލްތަކެއް ޕާކުކޮށްފައި. މިހާ އެތަނުގައި ވެހިކަލް ޕާކުކުރާނެ އެއްވެސް ޖާގައެއް ނެތް. ފޮޓޯ: އެމްއޭސީއެލް

އެ ޕާކިން ޒޯނު ބަންދުކުރުމަށްފަހު އެމްއޭސީއެލް އިން ޖުލައި 15 ގައި ނެރުނު ނޫސްބަޔާނެއް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް 26 ޖުލައި ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުންއަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޕާކިން ޒޯނުތައް އަލުން ހުޅުވާނެ ދުވަހެއް މިހާތަނަށް އެ ކުންފުނިން ނުބުނެ އެވެ.