ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮންމެ ރެއަކުހެން ކަހަލަ ގޮތަކަށް ޕްރެޒިޑެންޝަލް ރެޓްރީޓް، ކ. އާރަށަށް ވަޑައިގެން އެ ރަށުގައި ޖަހާ ސަކަރާތުގެ ސަބަބުން އެތަނުގައި ޑިއުޓީ ކުރާ ސިފައިންނާއި، އެ ރަށު ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އުނދަގޫވާތީ ޝަކުވާކުރަން ފަށައިފި އެވެ.

އާރަށުގައި މަސައްކަތް ކުރާ ސުޕަވައިޒަރަކު ނަން ނުޖެހުމަށް އެދި ބުނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ ހަމަ ކޮންމެ ރެޔަކު ހެން ކަހަލަ ގޮތަކަށް އާރަށަށް ވަޑައިގަންނަވާ ކަމަށެވެ. އަދި ވަޑައިގެން ކޮންމެ ރެއަކު ވެސް ބަދިގެ ފަރާތަށް ވެދެވަޑައިގެން އެތަނުގައި ޖަހާ ސަކަރާތުގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ.

އެ މީހާ ބުނީ ސާޖިދާ ވަޑައިގަތުމަށް ފަހު އާރަށުގެ ބަދިގޭގެ މުވައްޒަފުން ޖެހެނީ އެލާޓުގައި ތިބެން ކަމަށާއި ހިންދަމާ ލެވެން ވެސް ނޯންނަ ކަމަށެވެ. އަދި ސާޖިދާ ވަޑައިގެން މި ކުރައްވާ ކަމަކީ ބިސްކޯދު މޮޑުމާއި، ކަރޯކޭ ޖެއްސުން ފަދަ ކަންކަން ކަމަށް އޭނާ ބުންޏެވެ.

އެ މީހާ ބުނީ ސާޖިދާގެ އުނދަގޫ ފޯރައި މިހާރު އާރޫގައި މަސައްކަތް ކުރާ އެތަނެއް ބަޔަކު ވެސް ވަޒީފާއިން ކެނޑިގެން ހިނގައްޖެ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ވޭޓަރުންނަށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އޭނާ ބުންޏެވެ.

"އަސްލު މިވާގޮތަކީ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ، އޭނާ އާރަށް ހަމަ ކޮންމެ ރެއަކުވެސް އެން ވަޑައިގަންނަވާ. ހަމަ ސަކަރާތް ޖަހާ މަޖާކޮށްލަން. ދެން އެހެން ނޫން ކޮންކަމެއްތޯ އެއީ.. މެޑަމް މި ކުރައްވާ ކަމަކީ އާރަށަށް މި ދަނީ ރައްޓިހިންނާއި އާއިލާ މީޙުން ވެސް ގޮވައިގެން. ދެން މުޅިތަން އޮންނަނީ ފުރިފަ. ދެން އެ އެންމެނަށް ވެސް އެބް ޖެހޭ ޚިދުމަތް ދޭން. ތަނުގެ މުވައްޒަފުންނަށް ހަމަ ހިންދަމާލެވެން ވެސް ނެތީ. މިކަން ބޮޑުފެ ބައެއް މުވައްޒަފުން ވަނީ ވަޒީފާ ދޫކޮށްލާ ގޮސް. މިއީ ދެން ވަރަށް ދެރަވަރު ކަމެއްތާ ދެއްތޯ،" އެ މީހާ ބުންޏެވެ.

މެޑަމް ސާޖިދާ އާރަށަށް އެހާ ގިނައިން ވަޑައިގަންނަވާއިރު، އެ ކަމަނާ ކުރައްވާ ކަމަކީ ހަމަ މަޖާނަގައި ކަރޯކޭ ޖައްސައި، ކެއުން ކަމަކެވެ.

ސާޖިދާ އާރަށަށް ވަޑައިގެން އެ އުޅުއްވާއިރު، އެ ރަށުގައި ޑިއުޓީ ކުރަމުން ގެންދާާ އެމްއެންޑީއެފް މުވައްޒަފުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

"ސާޖިދާ ވަޑައިގަންނަވަނީ އާއިލާ ނެތްކޮޅަށް ގޮވައިގެން. ވަރަށް ބައިވަރު މީހުން އޮވޭ. ރޭގަނޑު ނުވެސް ނިދާ، ހަމަ ސަކަރާތްޖަހާ މަޖާކޮށް ހަދަނީ. އެކި ފާޑުފާޑުގެ ކާއެއްޗިސް ތައްޔާރުކޮށްގެން ގެންދަން ޖެހެނީ. ދެން ކައިގެން ނުކުންނާނެ ރަށުތެރެއަށް ޑިއުޓީގަ ތިބޭ ސިފައިންނަށް ދެން އެމީހުން ދާތަންތަނާ ވާނުވާ ބަލަން މި ޖެހެނީ. ބޮޑު ތުރާލެއް ހަމަ އަސްލައް ވެސް،" މީހާ ބުންޏެވެ.

ސާޖިދާ އާރަށަށް ވަޑައިގަންނަވަނީ އާއިލާ ބޭފުޅުންނާއި ރައްޓެހިން ވެސް ގޮވައިގެން ކަމަށްވާއިރު ރޭގަނޑު ނުވެސް ނިދާ، ރަށު ތެރޭ އެނބުރެމުން އަންނައިރު، އެ ރަށުގައި ޑިއުޓީ ކުރަން ތިބި ސިފައިންނަށް އެކަމުގެ އުނދަގޫ ބޮޑުވެ، އެ ރަށަށް ޑިއުޓީއަށް ނުދާން ވެސް ގިނަ ސިފައިންގެ މީހުން ދެކޮޅު ހަދަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މީހުންނަށް މައްސަލައަކަށް ވަނީ އާއިލާ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ ބޮޑު ފައުޖަތަކާއެކުގައި ނޫނީ މެޑަމް ސާޖީ އާރަށަށް ވަޑައިނުގަތުމެވެ. އަދި ކުއްލި ކުއްލިއަށް ކުރިން އެނގުމަކާ ނުލައި ބޮޑެތި ގްރޫޕްތައް ގޮވައިގެން އާރަށަށް ވަޑައިގަތުމެވެ.