ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށްޓަކައި ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައިގައި، ހޯމް މިނިސްޓަރު އަލީ އިހްސާން ހައްޔަރުކޮށް އެ މައްސަލަ ބަލަންޖެހޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މިއީ ކޮރަޕްޝަންގެ އަމަލެއް ކަމަށާއި މިއީ އެހާ ލުއިކޮށް ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ކެމްޕޭނުގައި، ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި ތިބެގެން ފޯމުތައް ފުރަމުންދިޔަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެންނެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ވަގު ފޯމު ކަމަށް ތުހުމަތުކުރެވޭ ފޯމުތައް ފުރުމުގައި ޑީއެންއާރުގެ ވެރިޔާ އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވެސް ބައިވެރިވެވަޑައިގަތެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި، އެއް އަހަރު ތެރޭގައި ޕީއެންސީއަށް 55،000 މީހުން އިތުރުވެގެން ދިޔުމަކީ ބަޔަކަށް ނާޖާއިޒު ގޮތުގައި ދައުލަތުގެ ފައިސާ ލިބިގެންދާނެ ކަމެކެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރަންވާނީ ދަފުތަރުގައި ތިބި މީހުންނަކީ ސައްހަ މަގުން ރަޖިސްޓްރީވެފައިވާ ބައެއްތޯ ކަށަވަރު ކުރުމަށްފަހު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ 3,000 އަށް ވުރެ ގިނަ މެންބަރުން ވަނީ ވަގަށް ޕީއެންސީއަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން 'ދަ ޑިމޮކްރެޓްސް' އާއި ކުރީގެ ވެރިކަން ކުރި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ވެސް އެ މީހުންނަށް ނޭނގި ޕީއެންސީގެ ދަފުތަރަށް ވައްދާފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.
ދައުލަތުން ސައްހަ ނޫން ގޮތުގައި ދޫކުރާ ފައިސާގެ މިފަދަ މައްސަލަތައް އޮޑިޓަ ޖެނެރަލާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ޒަރިޔަންދު ވަނީ ގޮވާލައްވާފަ އެވެ.
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ
އައްސާމް ކާރިސާ: އާއްމުންނަށް ކާތިކްގެ ދީލަތި އެހީއެއް!