ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން ލަފާއާ އެއްގޮތަށް އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އުއްތަމަފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި މުއުތަސިމް އަދުނާން އެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.

އެއާއެކު މި މަގާމަށް ކުރިމަތި ލުމަށް ހުޅުވާލުމުން އުއްތަމަފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އަބްދުލްޣަނީ އެވެ. މި ތިން ބޭފުޅުންނާ އިންޓަވިއުކުރުމުން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ޣަނީއަށެވެ.

ޣަނީ އަކީ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ވަކި ހިސާބަކަށް މެދުނުކެނޑި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ހައި ކޯޓުގައި ހުންނެވިއިރު ބޮޑެތި ގިނަ މައްސަލަތައް ނިންމެވި ބެންޗުތަކުގައި ހިމެނިވަޑައިގެންފަ އެެވެ.

2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް އޭނާ އަދާކުރެއްވީ މަދަނީ ކޯޓުގެ ގާޒީ ކަމެވެ. އެއަށްފަހު 2018 ވަނަ އަހަރާ ހަމައަށް ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު ކަމުގަ އެވެ.

އޭގެފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ނަމަވެސް މިދިޔަ ސަރުކާރުން ޣަނީ ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުން ނެރުނު ބައެއް އަމުރުތަކުގައި އޭނާ ސޮއިކުރައްވާފައިވާތީ އެވެ. އެއަށްފަހު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް އޭނާ އައްޔަނު ކުރީ މިދިޔަ އަހަރު އެވެ.