ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ކާމިޔާބު ޖޯޑުތަކުގެ ތެރެއިން ޖޯޑެކެވެ. އެ ދެ މީހުންގެ ކައިވެންޏަކީ ގިނަ ބަޔަކު މިސާލުޖަހާ ކައިވެންޏެކެވެ.

އެހެން ނަމަވެސް ބޮލީވުޑްގެ "ނަވާބު"ގެ ގޮތުގައި މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންއާ ކައިވެނި ކުރަން އުޅުމުން ގިނަ ބަޔަކު އިންޒާރުދިން ކަމަށް ކަރީނާ ވަނީ މީގެ ކުރިން ބުނެފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކަރީނާ ވަނީ އޭނާގެ ބައެއް ޒާތީ ކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާގެ ކައިވެންޏާ ގުޅިގެން ކަރީނާ ބުނީ، ކައިވެނި ކުރަން އުޅުނު ދުވަސްކޮޅު އާއިލާ މީހުންނާއި ގާތް ތިމާގެ މީހުންގެ އިތުރުން އާންމުން ވެސް ވަރަށް އިންޒާރު ދީފައިވާ ކަމަށެވެ.

ކަރީނާ ބުނީ، ކައިވެންޏަކީ އޭނާގެ ފިލްމީ ކެރިއަރުގެ ނިމުން ކަމަށާއި ކައިވެނި ކޮށްފައިވާ ތަރިންނަށް ފިލްމު ނުދޭނެ ކަމަށް ބުނެ ގިނަ ބަޔަކު ކައިވެނި ނުކުރުމަށް ނަސޭހަތްތެރިވަމުން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް އޭނާ އެހުރިހާ ވާހަކަތަކަށް ބީރު ކަންފަތެއް ދިންކަމަށް ކަރީނާ ބުނެފައިވެ އެވެ. އަދި ސައިފްއާ ކައިވެނި ކުރުމަށްފަހު ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކޮށް، ކާމިޔާބީ ހޯދާފައިވާކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

ކަރީނާ އާއި ސައިފް ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގަ އެވެ. އަދި ދެ ތަރިންނަށް މިހާރު ވަނީ ދެ ފިރިހެން ކުދިން ލިބިފަ އެވެ.