ފައިސާ ހަމަޖެހޭތާ 6 މަސްދުވަހުގެ ތެރޭގައި ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކު ފްލެޓްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ނޫހަކުން ކުރި ސުވާލަށް ދިން ޖަވާބުގައި އެޗްޑީސީން ބުނީ ފްލެޓުތައް އެއްކޮށް ނިންމަން ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ހަންބޯ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

އެ މަޝްރޫއު ނިންމަން ހަންބޯ ކުންފުންޏާ އެކު އެޗްޑީސީގެ މެނޭޖްމަންޓުން މަޝްވަރާކުރަމުން އަންނަކަން ފާހަގަކުރަމުން އެކޯޕަރޭޝަނުން ބުނީ ޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމަން ބޭނުންވާ ފައިސާ ހަމަޖެހޭތާ ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

މީގެއިތުރުންވެސް އެޗްޑީސީން ބުނީ ކޭޕާކްގެ ފުލެޓުތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި މައްސަލަ ހައްލުކުރަން ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށާއި، މިއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ މިކަމާ ގުޅިގެންގެއްލުންވި މީހުންގެ އަދަދު ހާމަކުރެވެން ނެތް ކަމަށެވެ.

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް މައްސަލާގައި އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި ދިވެހި މީހާ، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

ކޭ ޕާކް ހަދަމުންދާ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މަންޑޭ ހުރެ އެ ކުންފުނީގެ ފަރާތުން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި ގިނަ އަޑުއެހުންތަކަށް ހާޒިރުނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ނިންމި އެވެ.

އެހެންނަމަވެސް މައްސަލާގައި ބާއްވާ ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް މަންޑޭ ހާޒިރުވާން ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލީ މިމަހުގެ 3 ވަނަ ދުވަހު އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ހެކިންނަށް ނުފޫޒު ފޯރުވައި ފިލާފާނެ ހާލަތެއް އޮތް ނަމަ އޭނާ އަލުން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.

މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ. ނަމަވެސް އޭނާ ބަންދުކުރަން ކޯޓުން އަމުރެއް ނުކުރެ އެވެ.

އެ މައްސަލާގައި މަންޑޭގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.