ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ސުކޫލެއްގެ މައްޗަށް އެއާފޯސް ޖެޓެއް ވެއްޓި ނަވާރަ މީހުން މަރުވެއްޖެ އެވެ.

ޖެޓް ވެއްޓިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ޑާކާގެ މައިލްސްޓޯން ސުކޫލް އެންޑް ކޮލެޖް ކެމްޕަހަށެވެ. މި ހާދިސާގައި 19 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭގެ ތެރެއިން 83 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، ބައެއް މީހުންގެ ހާލު ސީރިއަސްކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ. އަނިޔާވި މީހުންގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ.

ބީއޭއެފް އެފް7 ގެ މި ޖެޓް ކެމްޕަސް ހުންނަ އިމާރާތައް ވެއްޓުމާއި ގުޅިގެން އެ ސަރަހައްދުގައި އެމެޖެންސީ ސާވިސްއާއި ޑިފެންސް އަދި ފަޔާ ފައިޓަރުން ދިޔައީ ވަގުތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

މިދިޔަ މަހު އިންޑިއާގެ އެއާ އިންޑިއާ ފުލައިޓެއް މެޑިކަލް ކޮލެޖެއް ހުންނަ އިމާރާތަކަށް ވެއްޓި 260 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.