ޗާގޯސްގެ ޖަޒީރާ ރަށްތަކަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ރާއްޖެއިން ބެލްޖިއަމަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތައް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދޮގުކުރައްވައިފި އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.
ސަފީރަށް ޔޫރަޕިއަން ޕާލިމެންޓުން ކޮށްފައި ވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތް އޮޅުންފިލުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ސުވާލަލުގެ ޖަވާބުގައި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި، އަދި ރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ސަފީރު ވިދާޅުވެފައިވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަގީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަމަށެވެ.