ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލާ, ކާމިޔާބު ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެއް ކަމަށެވެ.
އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ފައްޓަވައިދެއްވި މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވާލެއްވުމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
މި ޓްރަޔަލްއަށްފަހު ވާހަކަ ދައްކަވަމުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ, މިއަދަކީ އެމްއޭސީއެލް އާއި ރާއްޖޭގައި ހަޔާތުގައި މުހިންމު އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖާ ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ އެއާބަސް އޭ 330ގެ މަތިންދާބޯޓަކާއި އޭ 320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކުރި ކަމަށާއި، އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިން ސިސްޓަމް (އޭވީޑީޖީއެސް) ވެސް ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
މިއީ ދުބާއީ, ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ, ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
މަތިންދާބޯޓުން ފައިބައިގެން ޓާމިނަލަށް ދާން މިހާރު އޮންނަ ހަމަ އެކަނި ގޮތަކީ ބަހަކަށް އެރުން ނުވަތަ ހިނގާފައި ދިއުންކަމަށް ވާތީ، އެކަމުގެ ސަބަބުން ފަސިންޖަރުންނަށް އެތައް ތަކުލީފެއް އުފުލަންޖެހި, ވަގުތު ބޭކާރުވެ އެވެ. އަދި ވަގުތުގެ ގޮތުން ބަލާ ނަމަ މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރަން މިހާރު ގާތްގަނޑަކަށް 28 މިނެޓާއި 35 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވެ އެވެ.
އަލަށް ތައާރަފްކުރި ޕީބީބީ އާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެ އެވެ. މިކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތަށް ކުޑަ ކުރެވި, ވަގުތު ސަލާމަތް ކުރެވި, ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެ ކުންފުނިން ބުނީ، ވަގުތުގެ ގޮތުން ބަލާ ނަމަ ޕީބީބީ އާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓުކަމަށާއި، މިކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ, އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވެސް އާ ޓާމިނަލާއެކު ތައާރަފްކުރާ އެޑްވާންސް ވިޝުއަލް ޑޮކިން ސިސްޓަމް (އޭވީޑީޖީ) އާއެކު މުވައްޒަފުންނާއި މަތިންދާބޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ އެވެ. އެގޮތުން މި ސިސްޓަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިސްޕްލޭގެ ސަބަބުން ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައިވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް ފަސޭހަ ވެގެންދާނެ އެވެ. އަދި މި ސިސްޓަމަކީ އޮބްސްޓަކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.
ވީއައިއޭގައި ގާއިމުކޮށްފައިވާ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.