ދެހާހުގެ ކުރީކޮޅު ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި ހިންދީ ސީރީޒް "ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ"ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ އާއްމުކޮށްފި އެވެ.
މީގެ ދެ ދުވަހެއް ކުރިން ސްޓާ ޕްލަސްގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި އެ ޓީޒާގައި ފެނިގެންދަނީ ފުރަތަމަ ސީޒަންގެ ވެސް ލީޑު ރޯލުން ފެނިގެންދިޔަ ސިމްރިތީ އިރާނީ އެވެ.
އެ ޓީޒާގައި ޝޯގެ ފުރަތަމަ ސީޒަނަށް 25 އަހަރު ފުރުނުއިރު ވެސް އެ ޝޯގެ ހަނދާންތައް ފަނޑުނުވާ ކަމަށް ބަޔަކު ބުނާއިރު އެ ޝޯގެ ދެވަނަ ސީޒަންއެއް އަންނާނެތޯ ސުވާލު ކުރެ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ސިމްރިތީ ބުނަނީ ޔަގީނުން ވެސް އަންނާނެ ކަމަށެވެ.
ފުރަތަމަ ސީޒަންގައި ތުލްސީގެ ރޯލުން ސިމްރިތީ ފެނިގެންދިޔައިރު އޭނާއާއެކު މިހިރްގެ ރޯލުން ފެނުނު އަމަރް އުޕަދްޔޭ ވެސް ދެވަނަ ސީޒަންގައި ފެންނާނެ އެވެ.
އެ ސީރީޒް ޖުލައި މަހުގެ ތިންވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް ނަމަވެސް ދިމާވީ ޕްރޮޑަކްޝަން ލަސްތަކެއްގެ ސަބަބުން މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
ސްޓާ ޕްލަސްގެ އިތުރުން ޖިއޯ ހޮޓްސްޓާއިން ވެސް "ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ"ގެ ދެވަނަ ސީޒަން ބެލޭނެ ކަމަށް ސްޓާ ޕްލަސްއިން ބުނެ އެވެ.