ޑްވޭން ޖޯންސަން ނުވަތަ އާއްމު ނަމުން ނަމަ "ދަ ރޮކް"އަކީ އޭނާގެ ރެސްލިން ކެރިއަރުގެ އިތުރުން ވިޔަފާރިތަކާއި ހޮލީވުޑްގެ މަސައްކަތްތަކުން މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ.

އެގޮތުން ދަ ރޮކް މިހާރު މިވަނީ ހޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ލިސްޓަށް އަރައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭނާގެ މުޅި މިލްކިއްޔާތުގައި 800 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ދަ ރޮކްގެ އާމްދަނީއަށް ބަލާއިރު އޭނާގެ ވިޔަފާރިތަކާއި އެންޑޯޒްމަންޓްތަކުން ލިބޭ އާމްދަނީއަށްވުރެ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުން ލިބޭ އާމްދަނީ ބޮޑުކަން ފާހަގަ ކޮށްލެވެ އެވެ.

އެގޮތުން ރެސްލިންއާ ގުޅުން ހުރި ކަންކަމުން އޭނާއަށް އަހަރަކު 30 މިލިއަން ޑޮލަރު ލިބޭއިރު މިހާތަނަށް އޭނާ ކުޅެފައިވާ 60 އަށްވުރެ ގިނަ ހޮލީވުޑް ފިލްމުތަކުން ކޮންމެ ފިލްމަކަށް 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށްވެ އެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއާއި އެނޫން ވެސް ތަފާތު އިންވެސްޓްމަންޓްތަކުގައި ދަ ރޮކް ހިއްސާ ވެފައިވާއިރު އޭގެ ފައިދާވެސް އޭނާއަށް ލިބެމުންދެ އެވެ.

ރެސްލިން ކެރިއަރުގެ ތެރެއިން ހޮލީވުޑުން ފުރުސަތު ހޯދި ދަ ރޮކް ވަނީ މިހާތަނަށް ހޮލީވުޑްގެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތަކެއްގައި ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި ޖުމާންޖީއާއި ފާސްޓް އެންޑް ފިއުރިއަސް ފާހަގަ ކޮށްލެވެ އެވެ.