ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިބްރާހީމް ޝަމީލް އިންތިޚާބުވެއްޖެއެވެ.
ޝަމީލް އެ މަގާމަށް އިންތިހާބުވެފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި 291 ވޯޓު ހޯދައިގެންނެވެ. ޝަމީލާ ވާދަކުރި މައާޝާ ލުތުފީއަށް ލިބިފައިވަނީ 216 ވޯޓެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށްވެސް އިއްޔެ ވަނީ ދެ ބޭފުޅަކު އިންތިޚާބުކޮށްފަ އެވެ. އެއީ ށ. މަރޮށި، ސީނާ، އަބްދުﷲ ނާހިދު، އަދި ހއ. އިހަވަންދޫ، އުދަރެސް، އަހްމަދު ޝާފިއު އެވެ.
އެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ޖުމުލަ 1،086 މެންބަރުންނެވެ. މީގެ ތެރެއިން ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި 507 މެންބަރުން ވޯޓު ދީފައިވާއިރު، ވޯޓުނުލާ 579 މެންބަރުން ތިއްބެވެ.
އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ނެގި ވޯޓުގައި ބައިވެރިވީ 483 މެންބަރުން ކަމަށްވާއިރު، 603 މެންބަރުން ވޯޓުނުލާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ ކައުންސިލްގެ ރައީސަކީ ހުސައިން ސިރާޖެވެ.