ކަޅުހަމަކާއި ބާޖެއްގައި ނުކުމެގެން ބަންކަރިން ހިދުމަތުން ފައިދާއެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ކަޅުހަމަކާއި ބާޖެއްގައި ނުކުމެގެން ބަންކަރިން ހިދުމަތުން 400 މިލިޔަން ލިބިދާނެ ކަމާ ސުވާލު އުފެދޭ ކަމަށެވެ.

"ބަންކަރިންނާއި ތި އެއްޗިއްސަކީ ހަމަ ރައީސް ޔާމީންގެ މެނިފެސްޓޯ ގައި ހުރި ވާހަކަ ވާހަކަ، ދެން އަޅުގަނޑު ނުބުނަން އޭގަ ހުރި ކަންކަން ތަންފީޒު ކުރަން މަސައްކަތް ނުކުރާށޭ، އެކަމަކު ފަށައިގެން ނުވާނެ ދެއްތޯ އެމެނިފެސްޓޯ ލިޔުނު މީހަކަށް ހުތުރުވާ ގޮތަށް! އެ ހުތުރުވާ ގޮތަށް ފަށައިގެން ނުވާނެ! ކަޅު ހަމަކާއި ބާޖަކާއި ހިފައިގެން މި ފެށީ، މިހެންވީމަ ދެއްތޯ ބަންކަރިން ނުހިނގީ،" ޔާމީން ވިދާޅުވިއެވެ.

މެނިފެސްޓޯގެ ހަގީގީ މޭސްތިރިއަކީ ކޮންމެ މީހެއް ކަމުގައި ވިޔަސް އޭގައި ހުރި ކަންކަން ނަގައިގެން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު އެކަންތައްތައް ކުރަން ވާނީ އެކަންތައް ކުރެވޭނެ ދެމެހެއްޓެނިވި ގޮތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގައި އެކަށީގެންވާ ފައިސާ ނެތްއިރު، ބޮޑެތި މަޝްރޫއުތައް ފެއްޓޭނެ ކަމުގެ ހުވަފެން މި ސަރުކާރުން ދައްކަމުން އަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.