ކަނޑުމަގުން ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ ދެ މީހަކު ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. އެއީ އިންޑޮނީޝިއާއަށް ނިސްބަތްވާ މުހައްމަދު އިކްބަލް މަކްމުރު، 46، އަދި އެޑްރިއަންސްޔާ، 25، އެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތު އަމާޒުވާ މުހައްމަދު އިކްބަލް މަކްމުރުއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރެވެ. އޭނާގެ މުއްދަތު ޖެހުމަށް ގެނައި ހަވަނަ ފަހަރު ބަންދުން ދޫކޮށްލީ ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައިނުވާތީ އެވެ.

އެޑްރިއަންސްޔާއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ އިންޖިނިއަރެވެ. އޭނާ އާއި މައްސަލައާ ގުޅުވައި ދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ބަންދުން ދޫކޮށްލި އަމުރުގައިވެ އެވެ.

މުހައްމަދު އިކްބަލް މަކްމުރު އާއި އެޑްރިއަންސްޔާ ބަންދުން ދޫކޮށްލީ 75 ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްްޓުމަށްފަހު އެވެ.

އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރީ އިންޑޮނީޝިއާއަށް ނިސްބަތްވާ ނަސްވަން އަދިލް 30، ގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތް މީހެކެވެ.