ދިވެހިންގެ ތެރޭގައި އޮތް އީދު ކުޅިވަރުތަކުގެ ތެރެއިން ފެންކުޅި ކުޅުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ފޯރިއާއެކު ކުރިއަށް ގެންދާ ކުޅިވަރެކެވެ.
އިހު ދިވެހިންގެ ޒަމާނުގައި ފެންކުޅިއަކީ ފިތުރު އީދުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ކުޅިވަރެކެވެ. އެހެން ކަމުން އެ އީދަށް ފެންކުޅި އީދޭ ވެސް ކިޔަ އެވެ.
އެހެން ނަމަވެސް މިއަދު މިވަނީ މަންޒަރު ބަދަލުވެފަ އެވެ. އީދު ފެންކުޅި ކުޅުމުގައި ކުޑަ އީދެއް ބޮޑު އީދެއް ތަފާތެއް ނޫނެވެ. އެހެނެއްކަމަކު ބޮޑު އީދުގައި އެ ކަންކަން މާ ފޯރިގަދަ ކަމަށް ބެލެވެ އެވެ.
ކުރިއަށް ނަޒަރު ހިންގާލާއިރު ފެންކުޅި ކުޅުން ފެށެނީ އީދު ދުވަހުގެ ހެނދުނު އީދު ނަމާދުން ފައިބައިގެންނެވެ. މިކަމުގައި އޭރު އާއްމުވެފައި އޮތް ސަގާފަތަކީ އަންހެނުން ފިރިހެނުންގެ ގަޔަށް ފެން ޖެހުމާއި ފިރިހެނުން އަންހެނުންގެ ގަޔަށް ފެން ޖެހުމެވެ.
މިކަމުގައި ކުޑައެއް ބޮޑެއް، ވެރިއެއް ރައްޔިތެއް ވަކި ކުރުމެއް ނޯވެ އެވެ. އެހެނެއް ކަމަކު މި އުފަލުގައި ރަށުގެ ވެރިންނާއި ކަމުއޮށިގެންވާ ފަރާތްތަކުން ވެސް ބައިވެރިވިކަން އެނގެން އެބަ އޮތެވެ.
ނަމަވެސް ޒަމާނަށް އައި ބަދަލާއެކު އެކަން ވެސް އޮތީ ބަދަލުވެފަ އެވެ. މިއަދު ކުޅޭ ފެންކުޅިއާއި އެހާރުގެ ފެންކުޅިއާ ވަރަށް ގިނަ ތަފާތުތައް ހުރެ އެވެ.
ކުރިން ފެންޖަހައި އުޅުނީ ހަމެއެކަނި ފެން ނަމަވެސް މިއަދުގެ ފެންކުޅީގައި ފެނާއެކު ފުށާއި ކުލަ ފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް ފާހަގަ ކުރެވޭ ތަފާތެކެވެ.
ނަމަވެސް މިކަންކަމުގެ ތެރެއިން ބަދަލުނުވެ އޮތް ކަމަކީ މިކަމުގެ ޖޯޝާއި ފޯރި އެވެ. އޭރުވެސް މިހާރުވެސް އީދާއެކު އެންމެ ކުރާ ހިތުން ކުރެވޭ ކަމަކީ ފެންކުޅި ކުޅުމެވެ