ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުމަށް ހާއްސަ ސަރުކާރު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި ކުންފުނީގެ ނަމަކީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީ އާއި އިޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުމަކީ ވެސް އެ ކުންފުނި އުފެއްދުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކުންފުންޏަށް ހުއްދަ ދޫކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 10،000،000 ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ސަތޭކަ މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ވަކި ގާނޫނީ ޝަހުސެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.