މުހިންމު މާކެޓްތަކުގައި ސަމާ ޓެރެވަލް އަށް ހާއްސަކޮށްގެން ރާއްޖެ ޕްރޮމޯޓްކުރަން ބޮޑު ސަމާ ސޭލް ކެމްޕޭންތަކެއް އެމްއެމްޕީއާރުސީއިން ފަށައިފި އެވެ.
މި ސްޓްރެޓެޖިކް އިނިޝިއޭޓިވްތައް އަމާޒުކުރަނީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށާއި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށާއި، މިހާރު ހުރި ޕާޓްނަޝިޕްތަކުގެ އެހީގައި ފުޅާ އަދި ތަފާތު އޯޑިއަންސަތަކަށް ވާސިލްވުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއެމްޕީއާރުސީ ބުނީ އެ ކުންފުންޏާއި އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކުލަބާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އެލްއެފްސީގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ކަނޑައަޅާފައި ވާތީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރަށް މަގުބޫލްކަން ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ބާރު އެޅުމަކީ ވެސް އެލްއެފްސީއާ އެކު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު އެއް އަމާޒު ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ދިވެހިރާއްޖެއަށް މުހިންމު މާކެޓެއް ކަމަށްވާ އިނގިރޭސިވިލާތަކީ މި ކެމްޕެއިންތަކުގެ ސްޓްރެޓެޖީގެ ދަށުން އެންމެ އިސްކަމެއްދެވޭ އެއް މާކެޓު. ވިޒިޓް މޯލްޑިވްސްއިން ލަންޑަންގެ އަންޑަގްރައުންޑް އަދި ބަސްތަކުގެ އިޝްތިހާރުތައް ހިމެނޭ ބޮޑު އައުޓްޑޯ ކެމްޕޭނެއް ވަނީ ފަށައިފައި. މީގެ އިތުރުން، އިނގިރޭސިވިލާތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށް، ރާއްޖެއަކީ އެންމެ ދާން ބޭނުންވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހޭލުންތެރިކޮށް، ޓެކްސީ އެޑް ކެމްޕޭނެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. މިއާއެކު، ވިޒިޓް މޯލްޑިވްސްއިން ވަނީ ވިޒިޓާ އެންގޭޖްމަންޓްތަކާއި ސަމާ ބުކިންތައް އިތުރުކުރުމަށް ޓްރެވަލްބޭގް (ޑީނާޓާ ޔޫކޭ) އާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭން ފަށާފައި،" އެމްއެމްޕީއާރުސީން ބުންޏެވެ.
ހޫނު މޫސުމުގެ ބުކިންތައް އިތުރުކުރުމުގެ ގޮތުން އިންޑިއާގެ މާކެޓަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. ޑިޖިޓަލް އެކްޓިވޭޝަންތަކާއި ޕްރޮމޯޝަންތަކާއި ޓްރޭޑް އެންގޭޖްމަންޓް ހިމެނޭ ގޮތަށް ޓީބީއޯ، މޭކްމައިޓްރިޕް އަދި ޕިކްޔޯޓްރެއިލް ފަދަ ބޮޑެތި ޕާޓްނަރުންނާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންތައް ހިމެނޭ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
މީގެ އިތުރުން، އޭ ލިސްޓް ސެލެބްރިޓީއަކާ އެކު އެންޑޯސްމަންޓަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާނާ އެކު ހާއްސަ ޕާޓްނާޝިޕެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްޕީާރުސީން ބުނިގޮތުގައި މި ކެންޕޭނަށް އިތުރަށް އެހީތެރިވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހާއްސަ ސަމާ ސޭލް ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕީކް ޓްރެވަލް ޕީރިއަޑްގައި ޗުއްޓީ ބުކިންތަކަށް ހެދުމަށް ހިތްވަރު ދީ ހާއްސަ އޮފާތަކެއް ވެސް އޮންނާނެ އެވެ. އަދި އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އެސްޕިރޭޝަނަލް ޓްރެވަލް ކޮންޓެންޓް ޕްރޮމޯޓްކޮށް މުހިންމު ސޯސް މާކެޓްތަކަށް އަމާޒުކޮށްގެން ހޮވާލެވިފައިވާ އިންފްލުއެންސަރުން ވެސް ހަރަކާތްތެރިވާނެ އެވެ.
މި ކެންޕޭނާ ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ހޫނު މޫސުމުގެ ކެމްޕެއިނަކީ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ޕްރެޒެންސް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.
"މި ކެމްޕޭނާއެކު ރާއްޖެއަށް މިދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް ލިބޭ ފުރުސަތު ވަރަށް ބޮޑު ކަމަށް އަޅުގަނޑުމެންނަށް ފެނޭ،" ޝިއުރީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސްޓްރެޓެޖިކް މީޑިއާ ޕްލޭސްމަންޓްތަކާއި ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކާ އެކު އޮން ދަ ގްރައުންޑް އިނީޝިއޭޓިވްސް އިންޓަގްރޭޓްކޮށް، ރާއްޖެއަކީ ހުރިހާ މާކެޓްތަކުން އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ޝައުގުވެރިކަން އުފެއްދުން."މި ހަރަކާތްތަކަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ރާއްޖޭގެ ހޫނު މޫސުމުގެ ހުށަހެޅުންތައް ދައްކާލުމާއި، 2025-2026 ވަނަ އަހަރުގެ ފިނި މޫސުމަށް އަވަހަށް ރިޒަރވޭޝަން ހޯދުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މީގެ އިތުރުން މި ކެމްޕެއިންގެ އަމާޒަކީ މިދިޔަ އަހަރު ޔޫރަޕްގައި ހޫނު މޫސުމަށް އަމާޒުކޮށްގެން މާ ބޮޑު ހަރަކާތެއް ހިންގާފައި ނުވާތީ މޫސުމީ ފަރަގުތައް ނައްތާލުމެވެ. މި ތަފާތު އަދި ސްޓްރެޓެޖިކް ކެމްޕޭންތަކުން ވިޒިޓް މޯލްޑިވްސް އިން ވަރުގަދަ ޑެސްޓިނޭޝަން ޕްރެޒެންސްއެއް ދެމެހެއްޓުމާއި މިއަހަރުގެ ހޫނު މޫސުމާއި އޭގެ ފަހުންވެސް ރާއްޖެއަށް ބުކިންތައް އިތުރުކުރުމަށް ގެންގުޅޭ ސްޓްރެޓެޖިކް އުސޫލުގެ މައްޗަށް އަލިއަޅުވާލަ އެވެ.
އެމްއެމްޕީއާރުސީއިން އިންޓަގްރޭޓެޑް 360 ޑިގްރީ މާކެޓިން އެޕްރޯޗަކާއެކު ދުނިޔޭގެ މާކެޓްތަކުގައި ރާއްޖެ ހީވާގިކަމާއެކު މާކެޓްކުރާއިރު، ދުނިޔޭގެ މުހިންމު 15 މާކެޓެއްގައި ޕީއާރު އަދި ޓްރޭޑް ރެޕްރެޒެންޓޭޝަން އައްޔަންކޮށްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ބެލުމުގެ ދަށުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެއަށް ވަނީ އިންތިހާއަށް ޝަރަފުވެރިކަމާއި ތައުރީފުތަކާއި އެވޯޑްތައް ލިބިފަ އެވެ.