ބޮލީވުޑްގެ އެކްޓަރު ޖިއާ ޚާންގެ މަރުގެ ތުހުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުރި ސޫރަޖް ޕަންޗޯލީ އޭނާގެ އިހުސާސްތައް ބޭރުކޮށްލައިފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއްގައި ސޫރަޖް ވަނީ އޭނާ ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގެ ތަޖުރިބާ އާއްމުުންނާ ހިއްސާކޮށްފަ އެވެ.
އެ އިންޓަވިއުގައި ސޫރަޖް ބުނީ ޖަލުގައި އޭނާ ހޭދަކުރީ ހިތްދަތި ދުވަސްތަކެއް ކަމަށާއި އެ ތަޖުރިބާއަކީ ދުވަހަކު ވެސް ހިތުން ނުފިލާނެ ހަނދާން ތަކެއް ކަމަށެވެ.
އެގޮތުން އޭނާ ހުންނަން ޖެހުނީ ވަކިން ހުރި ކުޑަ ގޮޅިއެއްގައި ކަމަށާއި އެއީ ނުރައްކާތެރި ކުށްވެރިން ތިބި ގޮޅިއެއް ކަމަށް ސޫރަޖް ބުންޏެވެ.
އެއާއެކު ޖަލު އޮފިސަރުން އޭނާއާމެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި ނޫސް ކަރުދާސް މަތީ ނިދަން ޖެހުނު ފަހަރު ވެސް އައި ކަމަށް ސޫރަޖް ބުނެފައިވެ އެވެ.
2013 ވަނަ އަހަރު އަމިއްލަ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޖިއާ ޚާންގެ މަރުގެ ތުހުމަތު ސޫރަޖްއަށް ކޮށްފައިވަނީ މަރުވުމުގެ ކުރިން ޖިއާ ލިޔެފައި އޮތް ހަ ސަފްހާގެ ސިޓީއަކަށް ބިނާކޮށެވެ.