ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ޚަޝްމީގެ ކުރިއަށް އޮތް ފިލްމު "ދޭ ކޯލް ހިމް އޯޖީ"ގެ ޝޫޓިންގައި އުޅެނިކޮށް އޭނާއަށް ޑެންގޫ ހުުން ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މުމްބާއީގައި ކުރިއަށް ދިޔަ ޝޫޓިންގެ ތެރެއިން އިމްރާންއަށް ބަލީގެ އަލާމާތްތައް ފެންނަން ފެށި ކަމަށެވެ.

އެހެން ކަމުން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމުން އޭނާއަށް ޖެހިފައިވަނީ ޑެންގޫ ހުން ކަން އެނގުނު ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މިއާއެކު އިމްރާން ވަނީ ޑެންގޫ ރަނގަޅު ވަންދެން "އޯޖީ"ގެ ޝޫޓިންތަކުން ބްރޭކެއް ނަގާފައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ތެލުގޫ އެކްޓަރު ޕަވަން ކަލްޔާންއާއެކު އިމްރާން ފެނިގެންދާ އެ ފިލްމަކީ އޭނާގެ އެންމެ ފުރަތަމަ ތެލުގޫ ފިލްމެވެ. އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

އިމްރާންއަކީ އެ ފިލްމުގެ ލީޑް އެއް ތަރިއަށްވާއިރު އޭނާ ނެތުމުން ޝޫޓިންގެ މަސައްކަތް މެދުކެނޑިފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފަށަން އުއްމީދުކުރާ ކަމަށް ވެސް ފިލްމުގެ ޓީމުން ބުނެ އެވެ.