ދިރާގުން "ޑޮނޭޓް އޮން ދިރާގުއެޕް" ޕްރޮގްރާމް މެދުވެރިކޮށް ލިބިފައިވާ 230،380 ރުފިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަދިޔާކޮށްފި އެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ މި ޑޮނޭޝަން ރަސްމީކޮށް ހަވާލުކޮށްދެއްވައިފައިވަނީ ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދެވެ. މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުންގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ހިމެނެ އެވެ.
މި ޑޮނޭޝަން ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށެވެ. ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ. މި ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
މި ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމުގައިވާ "އިންކްލޫޝަން"ގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަރނެޓް ފޯރުކޮށްދެމުންނެވެ.