ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާ މެމްބަރު އިބްރާހިމް ހުސައިން (އިއްބެ) ގެ ޑްރީމް ހޯލްޑިންގްސް ކުންފުނިން ހާބަރު ފުޑް ކޯޓް ކެފޭއަށް ކުލި ނުދައްކާތީ 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްޓީއޯއަށް ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޑްރީމްސް ހޯލްޑިންއަކީ ޕީއެންސީގެ މެމްބަރު އިއްބެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގައި އޭނާ އާއި އާއިލާ ބޭފުޅެއްގެ ހިއްސާ އޮވެއެވެ. އެ ކުންފުންޏާ ދެކޮޅަށް އެސްޓީއޯއިން ދައުވާކުރީ ޑްރީމްސް ކުންފުންޏަށް ހާބަރު ފުޑް ކޯޓުން ދޫކޮށްފައިވާ ތަނަށް ކުއްޔާއި މެއިންޓަނަންސް ފީ ނުދައްކާތީ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޑްރީމްސް ހޯލްޑިން ކުންފުނިން ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ސާބިތުވާތީ އެ ފައިސާ އެއްފަހަރާ ކޯޓަށް ދައްކަން އަންގާ ކަމަށެވެ. ނަމަވެސް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެ މައްސަލާގެ ހުކުމްކުރީ ޑްރީމްސް ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
މީގެކުރިން ޑްރީމްސް ހޯލްޑިން ކުންފުނީގެ މުވައްޒަފުންގެ ޕެންޝަނަށް ޖަމާކުރަން ޖެހޭ 50,000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.
ތި މާފުކޮއްލާނެ މިއަންނަ މަހު. ނިކަމެތި ރައްޔިތުންގެ އެއްޗެހި މާފުނުވާނީ!
ރިޕްލައި