ޝްރައްދާ ކަޕޫރަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ މަގުބޫލު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އޭނާއަކީ ފިލްމީ އާއިލާއަށް ނިސްބަތްވި ނަމަވެސް އެފަދަ އާއިލާއަކަށް ނިސްބަތްވީތީ އާއްމުކޮށް ލިބޭ ފައިދާތައް ލިބުނު ތަރިއެއް ނޫނެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ކުންފުނިތަކުން ޝްރައްދާ ބޮއިކޮޓްކުރި ވާހަކައަކީ އިންޑިއާގެ މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވުނު ވާހަކަ އެކެވެ.
އެގޮތުން ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްއާއި އަދިތުޔާ ޗޯޕްރާގެ ޔަޝް ރާޖް ފިލްމްސްގެ ފިލްމުތަކުން ޝްރައްދާއަށް ފުރުސަތު ނުދޭކަން މީޑިއާއަށް ވަނީ ފާހަގަވެފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ދެ ކުންފުނިން ޝްރައްދާ ބޮލީވުޑަށް ވަތް ދުވަސްވަރު އޭނާއަށް ފިލްމުތައް ހުށައެޅި ނަމަވެސް އެ ފިލްމުތަކަށް އޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ.
ނަތީޖާއަކަށްވީ އެ ދެ ކުންފުނީގެ ކުރިއަށް ހުރި ފިލްމުތަކުން ޝްރައްދާއަށް ފުރުސަތު ނުދޭން އެ ކުންފުނިން ނިންމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން އެ ކުންފުނީގެ ވެރިން ގަބޫލުކުރާ ގޮތުގައި ޝްރައްދާއަށް ފުރުސަތުގެ ބޭނުން ހިފަން ނޭނގޭއިރު އޭނާގެ މަސައްކަތުގެ ވައްޓަފާޅިއަކީ "ޕްރޮފެޝަނަލް" ގޮތްތަކެއް ނޫނެވެ.
އެންމެ ބޮޑު ދެ ކުންފުނީގެ އެހީއާ ނުލާ ވެސް ޝްރައްދާ އަންނަނީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެމުންނެވެ. އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބެ އެވެ.