މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މަސައްކަތްކުރާ އިސް ދެ ޑިޕްލޮމޭޓަކު ގަވާއިދާ ހިލާފުވެގެން އެ ގައުމުން ފޮނުވާލިކަން އެނގިއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި މެލޭޝިޔާ ކަސްޓަމްސް އިން ކުރި ރިޕޯޓަކާ ގުޅިގެން އަނބުރާ ރާއްޖެ ފޮނުވާލީ ޑެޕިއުޓީ އެމްބެސެޑަރު އިބްރާހީމް ޝާޒް ހަބީބާއި ފަސްޓް ސެކްރެޓަރީ އަހުމަދު ފިރާޒް މޫސާ (މައްލާ) އެވެ.

އެ ދެ ބޭފުޅުން މެލޭޝިޔާ ހައިކޮމިޝަންގެ ފާސް ނަހަމަގޮތުގައި ބޭނުންކޮށްގެން މެލޭޝިޔާގެ އެއާޕޯޓުން މުދާ އެތެރެކޮށް ބޭރުކުރާ ކަމަށް އެ ގައުމުގެ ކަސްޓަމްސް އިން ދިވެހި ސަރުކާރަށް އަންގާފައިވާކަން އިތުބާރުހުރި ގޮތަކަށް އެނގިފައިވެ އެވެ. އަދި އެކަމާ ގުޅިގެން އެމްބަސީއަށް މެލޭޝިއާ ސަރުކާރުން ދޫކޮށްފައިވާ ފާސްތައް ވެސް އެ ދެ މީހުން އަތުން އަތުލި އެވެ.

މި ފިޔަވަޅު އެޅިކަން ފޮރިން މިނިސްޓްރީން ވަނީ ސިއްރުކޮށްފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ގުޅުމުން ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ހިނގާފައިވޭތޯ ބެލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް ފަހުން ގުޅުމުން ވެސް ވަކި ޖަވާބެއް ނުދެއްވި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަށް މިހާރު ވަނީ އަލުން ވަޒީފާއަށް ނުކުންނަން އަންގައިފަ އެވެ. އޭގެ ތެރެއިން ޑެޕިއުޓީ އެމްބެސެޑަރު ޝާޒް ވަނީ ވަޒީފާއަށް އަލުން ނުކުތުމަށްޓަކައި މެލޭޝިޔާއަށް މިހާރު ގޮސްފަ އެވެ. ފަސްޓް ސެކްރެޓަރީ ފިރާޒް ވެސް އަންނަނީ އެނބުރި މެލޭޝިޔާއަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މެލޭޝިޔާ ހައިކޮމިޝުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ. ބޮޑު މުސާރައާއެކު އެ ހައިކޮމިޝަނުގައި 25 މުވައްޒަފުން ތިބޭކަން ވަނީ ހާމަވެފަ އެވެ.