އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭ "ޕްރޮސެސްޑް ފުޑް" ނުވަތަ ތައްޔާރީ ކާނާގެ ސަބަބުން އުމުރު ކުރުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ބްރެޒިލް ޔުނިވާސިޓީ އޮފް ސައު ޕޯލޯގެ ޓީމަކުން ހެދި އެ ދިރާސާއިން އެނގުނު ގޮތުގައި ކެއުމުގައި ތައްޔާރީ ކާނާ ގިނައިން ހިމަނާނަމަ އުމުރު ކުރުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ދެ ލައްކައަށްވުރެ ގިނަ މީހުން ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުގައި މިނަށްވުރެ ގިނައިން ކެއުމުގައި ތައްޔާރީ ކާނާ ހިމަނާ މީހުންގެ 10 ޕަސެންޓް ޒުވާން އުމުރުގައި ދުނިޔެ ދޫކުރެ އެވެ.
އެގޮތުން ތައްޔާރީ ކާނާގެ ގޮތުގައި ބޭކަރީތަކުން ލިބެން ހުންނަ ޑޯނަޓް ފަދަ ޕޭސްޓްރީސްއާއި ޕެކެޓުގައި ބަންދު ކޮށްފައި ހުންނަ "ޖަންކް ފުޑް" ވެސް ބެލެވޭނެ ކަމަށް ދިރާސާއިން ބުނެ އެވެ.
ދިރާސާވެރިން ހާމަކުރި ގޮތުގައި މިފަދަ ކެއުންތަކުން ހަށިގަނޑަށް ނިއުޓްރިޝަން ނުލިބޭއިރު ގެއްލުންހުރި ފެޓްސްގެ މާއްދާތައް އެތެރެވެ އެވެ.
މިއީ ތައްޔާރީ ކާނާގެ ސަބަބުން އުމުރު ކުރުވާ ކަމަށް ބުނި ފުރަތަމަ ދިރާސާ ނޫންކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިން ވެސް މި މައުޟޫއަށް ގިނަ ދިރާސާތަކެއް ކުރެވި މިކަން ސާބިތުވެފައިވެސްވެ އެވެ.