ޒުވާން އަންހެނަކު ވެއްޓުނު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފްލޯގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ފަޅާއަރައިފި އެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ހ. މިޓާޒްގޭގެ ފުރާޅުމައްޗަށެވެ. އެގޭގައި ހުންނަނީ ގުދަނެކެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާގޮތުގައި އެގޭގެ ޓެރަސްމަތިން ޔުމްނު ކޮއްޕައި ވައްޓާލީ އެވެ. ނަމަވެސް ފުލުހުން ބުނީ ޔުމްނު ކޮށްޕައި ވައްޓާނުލާކަން ސީސީޓީވީ ފްޓޭޖްތަކުން ކަށަވަރުވާ ކަމަށެވެ.
ޓެރަސް ހުންނަނީ އެ ގޭގެ ނުވަ ވަނަ ފްލޯގައެވެ. އެގޭގެ ނުވަ ވަނަ ފްލޯގައި ކެމެރާ ހަރުކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ފުލުހުން މި މައްސަލައިގެ މައުލޫމާތު ހާމަކުރިގޮތަށް ބަލާއިރު، ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އެގޭގެ ނުވަ ވަނަ ފްލޯގައި ހުރި ޓެރަސްގައި އެރޭ ހުރީ ތަޅުނުލައެވެ. ޓެެރަސްގައި ތަޅުލީ ރޭގެ ވަގުތެއްގައި ކަމަށް އެގޭގައި ދިރިއުޅޭ ބައެއް މީހުން ކިޔައިދިނެވެ.
އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ހިމެނެއެވެ. އެ މީހުން ހައްޔަރުކޮށްފައި ނުވަނީ މިނިސްޓަރު އަމީންގެ ނުފޫޒުން ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް މިނިސްޓަރު އަމީން އެކަން ދޮގުކުރައްވަ އެވެ. އަމީން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ނުފޫޒުފޯރުވުމަށް އެއްވެސް މީހަކަށް ގުޅާފައިނުވާނެ ކަމަށެވެ. އެކަމަކު މިއަދު އެ މައްސަލައާ ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ވަގުތު މިނިސްޓަރު އަމީން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވިކަން ވަނީ ފަޅާއަރާފަ އެވެ.
ނިވްސް ކޮންފަރެންސްގައި ސީސީޓީވީ ފްޓޭޖްތައް ދައްކަމުންދިޔަވަ ވަގުތު މައިކަށް އަރާފައިވާ އަޑުތަކުން، އަމީން ސީޕީ ޝުޖާއުއަށް ގުޅުއްވިކަން ހާމަވެ އެވެ.
އެ ނިވްސް ކޮންފަރެންސްގައި ބައިވެރިވި ފުލުސް އޮފިސަރަކު ވަނީ "މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް،" މިފަދައިން ސީޕީ ޝުޖާއު އަރިހު ވިދާޅުވެފަ އެވެ.