ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ގައުމުގެ ޓެރިފްތަކަށް ގެނައި ބަދަލާ ދެކޮޅަށް އެމެރިކާގެ 12 ސްޓޭޓަކުން ދައުވާކޮށްފި އެވެ.
މި 12 ސްޓޭޓަކީ ނިޔުޔޯކް، އަރިޒޯނާ، ކޮލޮރާޑޯ، ކަނެޓިކެޓް، ޑެލަވެއާ، އިލިނޮއިސް، މެއިން، މިނެސޮޓާ، ނެވާޑާ، ނިއު މެކްސިކޯ، އޮރެގަން އަދި ވާމޮންޓް އެވެ.
މި ޓެރިފްތައް ޓްރަމްޕް ތައާރަފްކުރީ އިންޓަނޭޝަނަލް އެމަޖެންސީ އިކޮނިމޮކް ޕަވާ އެކްޓް (އައިއީއީޕީއޭ) އިން އާދަޔާހިލާފު އަދި ނުރައްކަލުގެ ހާލްތަކުގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިކަމާ ގުޅިގެން 12 ސްޓޭޓުން ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ މި ޓެރިފްތަކަށް އަމަލުކުރުން ހުއްޓުވަން އެދޭކަމަށާ މި ޓެރިފްތައް ތަންފީޒުކުރަން ޓްރަމްޕަށް ބާރު ލިބިގެން ނުވާ ކަމަށެވެ.
މި މައްސަލާގައި ކޯލިޝަން ހަދާފައިވާ ސްޓޭޓްތަކުން ވަނީ ޓެރިފްގެ މައްސަލާގައި ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފައިވާ އެހެން ފަރާތްތަކާވެސް ގުޅިފަ އެވެ. މީގެ ތެރޭގައި މިިދޔަ ހަފްތާގައި އެމެރިކާގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރި އެމެރިކާގެ ކުދި ވިޔަފާރިތައް ހިމެނޭ ގްރޫޕަކާއި މިމަހުގެ ކުރީކޮޅު ހަމަ މި މައްސަލައާ ގުޅިގެން ދައުވާކުރި ނިއު ސިވިލް ލިބަޓީސް އެލަޔަންސް (އެންސީއެލްއޭ) ވެސް ހިމެނެ އެވެ.