ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ޕާޓީއަށް ކުރެއްވި އަމުރުފުޅާއެކު މުޅި ގައުމު އާޝޯޚުވެ، ބަސް ހުއްޓުނު ކަހަލަ އެވެ. ވެރިކަންކުރާ ޕާޓީއަށް އެމަނިކުފާނު އެންގެވި ކަމަށް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނުބާއްވައި ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ކާމިޔާބުވާ މީހަކަށް ރައީސްކަން ލިބޭ ގޮތަށް ނިންމުމަށެވެ.

ރައީސްގެ އެ އެންގެވުމަކީ އެމަނިކުފާނު އިސް ވެރިޔަކަށް ހުންނަވާ ޕާޓީއަށް އެންގެވި އެންގެވުމަކަށް ވީކަމަށް ވިޔަސް، ކަންތައް ރޭވި، ހަމަޖެހިފައި އޮތް ތަރުތީބަށް ބަލާއިރު އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު އެކަމުގައި ހިމެނޭ ބޮޑުވެގެންވާ މައްސަލައެކެވެ.

ރައީސްގެ އަމުރުފުޅުގެ ޚުލާސާ

ރައީސް މުއިއްޒު އެމަނިކުފާނުގެ ޕާޓީއަށް އެންގެވީ އާންމު އިންތިޚާބާއި ރިޔާސީ އިންތިޚާބުއެކު އެކީގައި ބޭއްވުމާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނުބާއްވާ ގޮތަށް ހެދުމަށެވެ. އެކަންތައްތަކަކީ ގާނޫ އަސާސީއަށް ބަދަލު ގެނެސްގެން ކުރެވެން އޮތް ކަންތަކަށް ވާތީ ގެންނަން ޖެހޭ ބަދަލުތައް މިއަހަރު ނިމުމުގެ ކުރިން ގެނައުމަށް ވެސް އެންގެވި އެވެ. އެކަމަށް ބޭނުންވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް މިއަހަރު ނިމުމުގެ ކުރިން ނަގައި ނިންމާލުމަށް ރައީސް އެމަނިކުފާނުގެ ޕާޓީއަށް އެންގެވި އެވެ. ޕީއެންސީގެ އިސް ބޭފުޅުންނަށް އެމަނިކުފާނު މި އަމުރު ކުރެއްވީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މުލިއާގޭގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގަ އެވެ.

ރައީސްގެ އަމުރުފުޅުގެ އަސަރު

ރައީސްގެ އަމުރުފުޅާ ގުޅިގެން އެމަނިކުފާނުގެ ޕާޓީ ޕީއެންސީގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނު އަސާސީ ބަދަލުކުރުމުގެ މަސައްކަތް ފަށާނެ އެވެ. ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް ބޭނުންވާ މެޖޯރިޓީ އެ ޕާޓީއަށް ލިބިގެންވެ އެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ވެސް ސަރުކާރުގެ ފުރިހަމަ ބާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވަރަށް ފަސޭހަވާނެ ކަމެއް ކަމަށް ވެދާނެ އެވެ. ނަތީޖާއަކަށް ވެގެން ދާނީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބުއެކުގައި ބޭއްވުމަށްފަހު އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވައިގެން ރައީސް މުއިއްޒު ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމެވެ. ކަންތައް ވަމުންދާ ގޮތަށް ބަލާއިރު އެއީ ރައީސްގެ ވިސްނުންފުޅު ހުންނެވި ގޮތް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ޚުދު މުޚުތާރުކަމުގެ އިތުރު ބޮޅެއް

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ނިމުމަކަށް ގެންނަވައި އެމަނިކުފާނު މިނިވަން ކުރެއްވުމުގެ ވައުދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ރައީސް ޔާމީނަށް އިތުރު ދައުވާތައް ކުރެއްވުން ނޫން ކަމެއް ނުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމާއެކު ފުރަތަމަ ކަމެއްގެ ގޮތުން ރައީސް މުއިއްޒު ކުރެއްވިކަމަކީ ސަރުކާރުގެ ނުފޫޒާއި ވަސީލަތްތައް ބޭނުންކުރައްވައިގެން، ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ހައްދަވައި ޕީޕީއެމް އުވައިލެއްވުމެވެ. ގާނޫނު އަސާސީއަށް ގެނައި ބަދަލަކުން ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމާއެކު، މަޖިލީހުގެ ބާރު މިހާރު އޮތީ ސީދާ ރައީސްގެ އަތްޕުޅުގަ އެވެ. މަޖިލީހަށް އޮތް ނުފޫޒާއެކު ޖުޑިޝަރީ ވެސް ރައީސްގެ ސީދާ ބާރުގެ ދަށަށް ދިއުމާއެކު ކޯޓުތަކުގެ މިނިވަންކަން ގެއްލި ފަނޑިޔާރުންގެ ކޮންޓްރޯލް ވެސް ވަނީ ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންދަވާފަ އެވެ.

ދައުލަތުގެ ތިންބާރު އެމަނިކުފާނުގެ ބާރުގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް ހޯއްދެވުމަށްފަހު ރިޔާސީ އިންތިޚާބު ބާއްވާ އުސޫލު ބަދަލު ކުރައްވަން ރައީސް ކުރައްވާ މަސައްކަތްޕުޅުގެ އާޚިރު ނަތީޖާއަކީ ރައްޔިތުންގެ ވޯޓަށް ވެސް ރައީސްގެ ނުފޫޒު ފޯރުމެވެ.

ފަނޑިޔާރުގެ އާއި މަޖިލީހުގެ، ފުރިހަމަ ހިސާރަކަށްފަހު އިލެކްޝަން ކޮމިޝަން (އީސީ) ހިމެނޭހެން ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި ކުންފުނިތަކާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރައްވައިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކާމިޔާބު ކުރެއްވުމަށްވައިގެން އިންތިޚާބުގެ އުސޫލު ބަދަލު ކުރެއްވުމަކީ ރައީސް މުއިއްޒު ބޭނުންވެވަޑައިގަންނަވާ ގޮތެވެ. ނަތީޖާއެއްގެ ގޮތުން ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބުކުރެއްވުމަކީ އެމަނިކުފާނުގެ އުންމީދެވެ. އެ އަމާޒަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމާ އެކު ފަށްޓަވާފައިވާ ޚުދުމުޚުތާރު ވެރިކަން ވަށާޖެހުމުގެ ފަހު މަރުހަލާ އެވެ.