ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ އެކްޓްރެސް ޖެނިފާ އެނިސްޓަން އެންމެ ބިރުގަންނަ ކަމަކީ ވައިގެ ދަތުރުފަތުރު ކުރުން ކަމަށް އޭނާ ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ ވައިގެ ދަތުރު ކުރުމުގައި އޭނާއަށް ކުރިމަތިވާ ނުތަނަވަސްކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ޖެނިފާ ބުނީ އެކަން ހައްލު ކުރުމަށްޓަކައި ތެރަޕީ ނަގަމުން އަންނަ ކަމަށާއި އޭނާގެ ހާލަތު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ. އެގޮތުން ވައިގެ ދަތުރުފަތުރުތަކާ ބެހޭގޮތުން އޭނާ ގަބޫލުކުރި ފުލޯކު ވާހަކަތައް ހިތުން ނެރެ އެކަންކަމާ މެދު ނުވިސްނަން އެ ތެރަޕީގައި ދަސްވި ކަމަށާއި އެކަމުން ވެސް ބޮޑު އެހީއެއް ލިބުނު ކަމަށް ޖެނިފާ ބުންޏެވެ.

"އަހަރެން ކުރިން މަތިންދާ ބޯޓަކަށް އަރަނީ ވަކި ގޮތަކަށް، ނުކުންނަނީ ވަކި ގޮތަކަށް. މިހާރު އެގޮތަށް ކަންތައް ނުކުރާތީ ތަފާތު ފެނޭ،" އޭނާ ބުންޏެވެ.

ޖެނިފާ އާއްމުންގެ މަގުބޫލުކަން ހޯދާފައިވަނީ 1994 ން 2004 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ ސީރީޒް "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން ރޯލުންނެވެ.