1970 ގެ އަހަރުތަކާ ހަމައަށް، ގިނަ ސައިކޭޓްރިސްޓުން ދެކެފައިވަނީ އޯޓިޒަމް ޖެހެނީ ނުބައިކޮށް ދަރިން ތަރުބިއްޔަތު ކުރުމުގެ ސަބަބުން ކަމަށެވެ. 1940 ގެ އަހަރުތަކުގައި އޮސްޓްރިއާގެ ސައިކޭޓްރިސްޓް ލިއޯ ކެނާ ހުށަހެޅި ނަޒަރިއްޔާގައި ބުނެފައިވަނީ އޯޓިޒަމް ޖެހެނީ ހިތްވަރުދޭން ނޭނގޭ، އަޅާނުލާ މައިންގެ ސަބަބުން ކުޑައިރު ކުދިންނަށް ލިބޭ ނަފްސާނީ އަނިޔާގެ ސަބަބުން ކަމަށެވެ.
ޔޫސީއެލްއޭގެ ޕްރޮފެސާ ޑެނިއަލް ގެޝްވިންޑް ވިދާޅުވާ ގޮތުގައި މިއީ މުޅިން ނުބައި އަދި ގެއްލުންދެނިވި ވިސްނުމެކެވެ. ނަމަވެސް ކެނާގެ މި ނަޒަރިއްޔާ ދޮގުކަން ސާބިތުކުރަން 30 އަހަރެއްހާ ދުވަސް ނަގާފައިވެ އެވެ.
1977 ވަނަ އަހަރު ދެ ސައިކޭޓްރިސްޓުން ކުރި މުހިންމު ދިރާސާއަކުން ދައްކާފައިވަނީ އޯޓިޒަމް އަކީ ގިނަފަހަރު އައިޑެންޓިކަލް ޓްވިންސް ކުދިންގެ މެދުގައި ގިނައިން ފެންނަ ކަމަށެވެ.
1977 ގެ މި ދިރާސާއަކީ އޯޓިޒަމްގައި ޖެނެޓިކް ސަބަބެއް އޮތްކަން ދެނެގަނެވުނު ފުރަތަމަ ފަހަރެވެ. އޭގެފަހުން ކުރެވުނު ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އައިޑެންޓިކަލް ޓްވިންސްގެ ތެރެއިން އެކަކަށް އޯޓިޒަމް ޖެހިފައިވާނަމަ، އަނެކަކަށް ވެސް މިސިފަ ފެނުމުގެ ފުރުސަތު 90 އިންސައްތަ އަށްވުރެ މަތިވެ އެވެ. ހަމައެހެންމެ ނޮން އައިޑެންޓިކަލް ޓްވިންސް ކުދިންގެ މެދުގައި މި ނިސްބަތަކީ 34 އިންސައްތަ އެވެ. މިއީ އާންމު އާބާދީގައި އޯޓިޒަމް ފެންނަ މިންވަރު ކަމަށްވާ 2.8 އިންސައްތަ އާ އަޅާބަލާއިރު މާ މަތީ އަދަދެކެވެ.
މިހާރު ގިނަ މާހިރުން ގަބޫލުކުރާ ގޮތުގައި އޯޓިޒަމްގައި ވަރަށް ބޮޑު ޖެނެޓިކް ބައެއް އެކުލެވިގެންވެ އެވެ. ނަމަވެސް، ކޮން ޖީންތަކެއްކަން އަދި އެ ޖީންތަކުގެ މައްޗަށް އެހެނިހެން ކަންކަމުގެ އަސަރު ފޯރާ ގޮތް ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށްދެ އެވެ.