ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް ދޫކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދެވެ.

މި ލޯނުގެ ސަބަބުން އެއާޕޯޓުގެ ޖާގައިގެ ދަތިކަން ހައްލުވެ، އަހަރަކު ހަތް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސުލްތާން ބިން އަބްދުއްރަހްމާން ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ މި މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސައުދީ ފަންޑުގެ ސީއީއޯ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދައްކާލަނީ. ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން މިނިސްޓަރު މޫސާ ޒަމީރު މި ރަސްމިއްޔާތުގައި ވަނީ، ސައުދީ ފަންޑުން ރާއްޖޭގެ ސިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއަށް އަދި ކާރިސާތަކުގައި ވެސް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކުރައްވާފަ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ސައުދީ ފަންޑުންނެވެ.