2000ގެ ކުރީކޮޅު ދިވެހިންގެ ޓީވީތަކާ ވެސް އެންމެ ރައްޓެހި އެއް ޕްރޮގްރާމަކަށް ވީ ސްޓާޕްލަސް އިން ދުރަށް ދެއްކި ހިންދީ ސީރީޒް "ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ" އެވެ. އެ ސީރީޒް ހުއްޓާލިތާ އަހަރުތަކެއް ވެފައިވާއިރު ދޭތެރެ ދޭތެރެއިން އެ ސީރީޒްގެ ދެވަނަ ބައެއްގެ އަޑު ގަދަވެ އެވެ.
އެންމެ ފަހުން އެ ސީރީޒްގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު މިވަނީ އެ ޝޯގެ ދެވަނަ ބަޔަށް އިންތިޒާރު ކޮށްގެން ތިބި މީހުންނަށް އުފާވެރި ހަބަރެއް ދީފަ އެވެ.
އެކްތާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ "ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ 2"ގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އެއާއެކު ދެން ބެލުންތެރިންނަށް އެކްތާ ދިން އުފާވެރި ހަބަރަކީ ޝޯގެ ފުރަތަމަ ބައިގެ ލީޑު ރޯލުން ވެސް ފެނުނު ތަރިން ދެވަނަ ބައިގައި ވެސް ފެނިގެންދާނެ ކަމެވެ.
އެގޮތުން ދެވަނަ ބައިގައި ވެސް "ތުލްސީ"ގެ ރޯލުން ސިމްރިތީ އިރާނީ ފެނިގެންދާއިރު "މިހިރް"ގެ ރޯލުން ފެންނާނީ ކޮން ތަރިއެއް ކަމެއް އަދި ނޭނގެ އެވެ.
2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ "ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ" ހުއްޓާލާފައިވަނީ 2000 އެޕިސޯޑު ހަމަވާން 150 އެޕިސޯޑަށް ވެފައި އޮއްވަ އެވެ.