ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށް އޭނާއާއެކު މީގެ 30 އަހަރު ކުރިން މަސައްކަތްކުރި ސަނީ ޑިއޯލް ބުނެފި އެވެ.

ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނެފައިވަނީ ޝާހްރުކް ޚާންއާއެކު އެއް ފިލްމުގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި ދެވަނަ ފަހަރަށް މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެކަން ކުރާނެ ކަމަށެވެ.

ސަނީ މިހެން ބުނެފައިވާއިރު އޭނާއާއި ޝާހްރުކް ޚާންއަކީ 16 އަހަރު ވަންދެން އެކަކު އަނެކަކާ މޫނުޖެހި ވާހަކަ ނުދައްކާ ތިބި ދެ ތަރިންނެވެ.

އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވީ 1993 ވަނަ އަހަރު އެ ދެތަރިން އެކުގައި ފެނުނު ފިލްމު "ޑަރް"އިން ޝާހްރުކް ޚާންއަށް މާ ބޮޑު މަޝްހޫރު ކަމެއް ލިބުމުންނެވެ.

އެ ފިލްމުގައި ސަނީ ކުޅުނީ ޕޮޒިޓިވް ކެރެކްޓަރަކަށް ވެފައި ޝާހްރުކް ޚާންގެ ކެރެކްޓަރަކީ ނެގެޓިވް ކެރެކްޓަރެއް ނަމަވެސް އާއްމުންގެ ފަރާތުން ޝާހުއަށް ސަޕޯޓު ލިބުމުން ސަނީ އެކަމާ ހިތްހަމަ ނުޖެހުނީ އެވެ.

ސަނީ އިތުރަށް ބުނީ އެހާރާއި މިހާރުގެ ތަފާތު ވަރަށް ބޮޑު ކަމަށާއި މިއަދުގެ ވަސީލަތްތަކާއެކު އެކުގައި މަސައްކަތް ކުރުމަކީ އާ ތަޖުރިބާއަކަށްވާނެ ކަމަށެވެ.