ހުޅުމާލެ ޕާކްތަކުގައި ޕިކްނިކް ހެދުމަށް ހުއްދަ ނަގަން ޖެހެނީ ގޮނޑި މޭޒު ފަދަ ތަކެތި ބަހައްޓާ ނަމަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެކުންފުނިން ބުނީ އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިނުން، އާންމު ތަންތަނުގައި ޕަބްލިކް ޕިކްނިކް ހެދުމަކީ ހުއްދަ ކަމެއް ކަމަށެވެ.
އާންމުން ހުޅުމާލެ އެކި ސަރަހައްދުތަކުގައި ޕިކްނިކް ހެދުމަށް އެޗްޑީސީގެ ހުއްދަ ނަގަން ޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލަ ބޮޑުވީ ސެންޓްރަލް ޕާކުގައި ޕިކްނިކް ހަދަން ދިޔަ ބަޔަކަށް އެޗްޑީސީގެ މުވައްޒަފުން ހުރަސްއެޅި ކަމަށް ބުނެ އެވެ. އަދި ހުއްދަ ނެތި އެ ސަރަހައްދުގައި ޕިކްނިކް ނުހެދޭނެ ކަމަށް އަންގާފައިވާ ވާހަކަ ސޯޝަލް މީޑިއާގައި ޕިކްނިކްގެ ބައިވެރިން ހިއްސާކޮށްފައިވެ އެވެ.
އެޗްޑީސީން ބުނީ ހުއްދަ ހޯދަނ ޖެހެނީ ޕިކްނިކް އޭރިއާއަށް މޭޒު، ގޮޑި ފޮޓޯ ބެކްޑްރޮޕް ފަދަ ތަކެތި ގެންދާނަމަ ކަމަށެވެ. އާންމުންނަށް އާދައިގެ ޕިކްނިކް ނުވަތަ އާއިލީ އެއްވުންތައް އެ ކުންފުނީގެ ހުއްދައަކާ ނުލައި ބޭއްވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.