ރޭން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މާލެއަށް ވާރޭވެހި ފެންބޮޑުވެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފްއިން މިރޭ ބުނީ މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން، ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އެގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ހަ ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާލޭގައި ޕަންޕު ބަހައްޓައިގެން ފެން ހިންދަމުންދަނީ ވެސްޓްޕާކް ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، މާފަންނު ފެރީ ޓާމިނަލް ސަރަހައްދު ގަ އެވެ.
ގެތަކާއި ފިހާރަތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެގޮތުން މިއަދު މެންދުރުން ފެށިގެން އާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ސިފައިން ރެޑީވެފައި ވެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މާދަން ހެނދުނާ ހަމައަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.