އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު Q3-Q4 2024 އަށް ދިރާގަށް ލިބިއްޖެ އެވެ.
މި އެވޯޑް ދީފައި ވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގަ އެވެ. މިއީ، މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.
ދިރާގުން މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސާވިސް ޕްރޮވައިޑަރެވެ. އަދި މިހާރު އެ ކުންފުންނިން ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދު އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދު އެވެ.
މި ފަހުރުވެރި ކާމިޔާބީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ ވިދާޅުވިގޮތުގައި، އޫކްލާއިން ދޭ 'ފާސްޓަސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"މި ކާމިޔާބީން ދައްކުވައިދެނީ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ. އަޅުގަނޑުމެންގެ އަލްޓްރާ-ފާސްޓް 5ޖީ އާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެގެން ގޮސް، ކުރިއެރުމަށް އެހީތެރިވެގެންދާނެ. ދިރާގުން ދާނީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ދެމިތިބުމަށް މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓިން އެޕްލިކޭޝަންތަކާއި ޑޭޓާ އަދި އެނަލިސިސްގެ ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ އެތައް ސަތޭކަ މިލިއަން މައުލޫމާތެއް އެއްކުރެ އެވެ.
ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް' އެވޯޑް، ވިދިވިދިގެން 3 އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެފަ އެވެ.
މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.