މިއަދު އަމަލުކުރަން ފަށި ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ރައްޔިތުން އުންމީދުކުރާ ފަދަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު މިހެން ވިދާޅުވީ ރެއިން ފެށިގެން އާ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރެއްވި ޓްވީޓެއްގައި އެވެ.
ސީޕީ ހަމީދު ވިދާޅުވީ އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 27 ދުވަހު އެވެ. ގާނޫގައި ބުނަނީ އަމަލު ކުރަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުން ކަމަށެވެ. އެގޮތުން މިއަދު ފެށިގެން އެ ގާނޫނަށް އަމަލު ކުރަން ފަށަން ޖެހެ އެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށުމުން ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"ގެ ނަން "ދިވެހި ފުލުހުންގެ ހިދުމަތް" ގެ ނަމަށް ބަދަލުވެގެން ދާނެ އެވެ.
މިއަދު އަމަލުކުރަން ފަށާ ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތައް ބަޔާންކޮށްފައިވެ އެވެ.
އެ ގާނޫނުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމާންކަމާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެ އެވެ.
ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި ފުލުހުންގެ ހިދުމަތުގެ އަމާޒާއި މަގްސަދާއި މަސްއޫލިއްޔަތާއި ހިދުމަތާއި ބާރާއި އިހްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.