ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީގެ މެދުގައި މިހާރު ހިނގަމުން އަންނަ ގާނޫނީ ކޯޅުމުގެ ތެރެއަށް އިތުރު ދެ ނަމެއް ގުޅިއްޖެ އެވެ.

ޖަސްޓިންގެ މައްޗަށް އާ ތުހުމަތުތަކެއް ކޮށް ބްލޭކް ހުށައަޅާފައިވާ 141 ސަފްހާގެ ދައުވާގައި އޭނާ ބުނެފައިވަނީ ޖަސްޓިންއާ މެދު ޝަކުވާތައް ހުރީ އޭނާގެ އެކަނި ނޫން ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު އެންމެ ފުރަތަމަ ޖަސްޓިންއާ ދެކޮޅަށް ބްލޭކް އުފުލި ޖިންސީ ފުރައްސާރައިގެ ދައުވާއާއެކު "އިޓް އެންޑްސް ވިތު އަސް"ގައި އެމީހުންނާއެކު މަސައްކަތްކުރި އިތުރު ދެ އަންހެން އެކްޓަރުން ވެސް އެފަދަ ޝަކުވާތަކެއް ކޮށްފައިވާ ކަމަށެވެ.

ޖަސްޓިންއާއެކު މަސައްކަތްކުރި އެހެން އެކްޓަރުންތަކެއް ވެސް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާއިރު އެއީ ކޮން ދެ އެކްޓަރުންނެއް ކަމެއް ބްލޭކް ހާމަކޮށްފައެއް ނުވެ އެވެ.

ބްލޭކް ޖަސްޓިންގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާގެ ރައްދުގައި ޖަސްޓިން ވަނީ ބްލޭކްއަށް އަބުރުގެ ދައުވާ ކޮށްފަ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރެވުނު "އިޓް އެންޑްސް ވިތު އަސް"ގެ ލީޑު ތަރިންގެ ގޮތުގައި ފެނުނު ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުމުގެ ސަބަބުން އެ ފިލްމަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.