އެއީ އެ ވަޒީރެއްގެ މަގާމު ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ހަމައެކަނި ވަޒީރެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވަކި ކަހަލަ ތައުލީމީ ތަޖްރިބާއެއް ހުރުން ލާޒިމްވާ ހަމައެކަނި ވަޒީރެވެ. އަދި އެހެން ވަޒީރުންނާ ތަފާތު ހާއްސަ ހުވައެއް ކުރައްވަން ޖެހޭ ހަމައެކަނި ވަޒީރު ވެސްމެއެވެ. އެއީ ދައުލަތުގެ ބަންޑާރަ ނައިބެވެ.
ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަ ނައިބަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމަކަށްވީ ނަމަވެސް އެ މަގާމުގައި ހުންނަ ބޭފުޅަކީ ސަރުކާރުގެ ބަންޑާރަ ނައިބެއް ނޫނެވެ. އެއީ މުޅި ދައުލަތުގެ މަސްލަހަތުގައި ސަރުކާރަށް ލަފާދޭ އަދި ގާނޫނީ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރާ ދައުލަތުގެ އެންމެ އިސް ވަކީލެވެ.
އެހެން ނަމަވެސް ކަން ހިނގަމުން މިދަނީ އެހެން ނޫންކަން މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އަދި ގައުމުގެ އެންމެންގެ ލޯ ހުއްޓިފައި އޮތް ބޮޑު ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ ތެރެއިން އެދަނީ ހާމަވަމުންނެވެ. ބާރުތައް އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް އޮންނަ މަފްހޫމް ފުނޑާލުމަށްފަހު މަޖިލީހުގެ މެމްބަރުންގެ ކޮންޓްރޯލް ސަރުކާރު ހިންގާ ޕާޓީގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދިފާއުގައި ވަކާލާތު އެ ކުރައްވަނީ ބަންޑާރަ ނައިބެވެ.
ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ޅ. ގައި ބުނަނީ ބަންޑާރަ ނައިބު ތަބާވާން ޖެހޭނީ ހަމައެކަނި ގާނޫނުއަސާސީ އާއި ގާނޫނަށް ކަމަށާއި އަދި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަންޖެހޭނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ރައްޔިތުންގެ ފައިދާ އާއި މަސްލަހަތަށް ކަމަށް އެ މާއްދާގެ ބ. ގައި ވެއެވެ.
އެހެން ނަމަވެސް މިހާރު ފެންނަނީ ގާނޫނުއަސާސީ އެކަށައެޅުމުގައި ރާއްޖޭގެ ރައްޔިތުން އިހްތިޔާރުކުރި ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ފުނޑާލައި އަދި ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ ގޮތަށް މެމްބަރުން "ކަސްތޮޅު އަޅުވަން" ސަރުކާރު ހިންގާ ޕީއެންސީން ގެނައި އެ އިސްލާހު ދިފާއު ކުރައްވަން ކުރެވުނު ހުރިހާ ކަމެއް ބަންޑާރަ ނައިބު ކުރައްވާ ތަނެވެ. އެއީ ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ކުރާ ކަމެއްތޯ ނުވަތަ ސަރުކާރުގެ ބަންޑާރަ ނައިބެއްގެ ހައިސިއްޔަތުން ކުރާ ކަމެއްތޯ ސުވާލު އުފެދެއެވެ.
ސަރުކާރު އިސްވެ އޮވެގެން ޕީއެންސީން ތެޅިފޮޅި ގަނެގެން, ރަށުން ބޭރުގައި ތިބި މަޖިލިސް މެމްބަރުންނަށް ދާންދެން މެމްބަރުން ދަމާ ހަލާފައި ގެނެސް އަދި ހިޔާލެއް އަދި ލަފައެއް ވެސް ހޯދުމެއް ނެތި ފާސްކުރި އެ އިސްލާހުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ހުށަހެޅުމުން, އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ އިއުތިރާޒްތައް މިހާރު އެ ދައްކަވަނީ ބަންޑާރަ ނައިބެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ނުދެވުނު ނަމަވެސް ކުރެވުނު ގޮތަކަށް މައްސަލަ ބޭރުކުރަން ބަންޑާރަ ނައިބު މަސައްކަތް ކުރުމުން ފެނިގެންދަނީ ދައުލަތުގެ މަސްލަހަތަށް ވުރެ ބޮޑަށް ސަރުކާރުގެ މަސްލަހަތު އިސްކުރި ތަނެވެ.
ގައުމުގެ އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ ބޮޑު މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެ ކޯޓުގެ އިހްތިސާސާ މެދު ސުވާލު އުފެއްދުމަކީ ވަރަށް ބޮޑު ކަމެކެވެ. އަދި މިހިނދަށް މައްސަލަ ކުރިއަށް ގެންދަން ނިންމަނީ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރުމުން, ޖަވާބުދާރީވާން އިތުރު ވަގުތު ހޯދަން މަސައްކަތްކޮށް, މައްސަލަ ލަސްކުރަން ބަންޑާރަ ނައިބު މަސައްކަތް ކުރުމަކީ އެއީ ދައުލަތުގެ ބަންޑާރަ ނައިބަކު ކޮށްގެންވާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމެކެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމާ ދެކޮޅަށް ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބަންޑާރަ ނައިބު އަމަލުކުރި ގޮތަކީ ވެސް އިތުރަށް މި ސުވާލު އުފައްދަން ޖާގަދިން ކަމެކެވެ. އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ބަންޑާރަ ނައިބު ދެކިވަޑައިގަންނަވާތީ ހައިކޯޓަށް ހުށަހެޅި މައްސަލަ އެއް ދުވަސް ފަހުން އަނބުރާ ގެނައީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް ބަންޑާރަ ނައިބު އަމިއްލަފުޅަށް މީޑިއާގައި އެއްބަސްވިއެވެ. ވީއިރު, ބަންޑާރަ ނައިބަށް ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވަނީ ކަމެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބަންޑާރަ ނައިބު ލަފާ ދެއްވަނީ ކަން މިއޮތީ އޮޅިފަ އެވެ.
ގާނޫނުއަސާސީގައި ބުނާ މިނިވަންކަމާއެކު މަސައްކަތްކުރާ ދައުލަތުގެ ބަންޑާރަ ނައިބެއް އެބަހުރިތޯ މިހާ ހިސާބުން ވެސް ސުވާލު އުފެދެއެވެ. އަދި ސަރުކާރުން އެދޭހާ ގޮތަކަށް އެއްބަސްވުންތައް ބާތިލްކޮށް ފިޔަވަޅުތައް އަޅަން ބަންޑާރަ ނައިބު ނިންމަމުންދާއިރު އެ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ބުރައެއް ނަގަންޖެހޭ ހާލަތުގައި އެ ޒިންމާ އުފުލަން ޖެހޭނީ ދައުލަތުގެ ބަޖެޓުންނެވެ. އޭގެ ގެއްލުން ވެސް އޮންނާނީ ދައުލަތަށެވެ.
މިހާރު ފެންނަން އޮތް ކަމަކީ ގާނޫނުއަސާސީގައި ބުނާ ދައުލަތުގެ މަސްލަހަތުގައި ވަކާލާތު ކުރަންޖެހޭ ދައުލަތުގެ ބަންޑާރަ ނައިބަކަށް ވުރެ ބޮޑަށް ސަރުކާރުގެ މަސްލަހަތުގައި މަސައްކަތްކުރާ ސަރުކާރުގެ ބަންޑާރަ ނައިބެވެ. ކުރީގެ ސަރުކާރުތަކުން ވެސް އަދި މި ސަރުކާރުގައި ވެސް މިފެންނަނީ އެ މަންޒަރެވެ.
ވަރަށްފުރިހަމަ ލިޔުމެއް، މިފަދަ ލިޔުންތަކުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރެވުނުވަރަކަށް،ސަރުކާރުތައް ޖަވާބުދާރީ ކުރުވަން މަސައްކަތްކުރާ ރައްޔިތުން ގިނަވާނެ ..ރައްޔިތުންގެ ގިނަބަޔަކަށް ވިސްނޭނެ ވެރިކަމުގެ ބާރުތައް ފެށިގެންއަންނަނީ އެބައިމީހުންގެ ކިބައިންކަން އަދި އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ އަތުގައިކަން، އެއްވެސްމީހަކު ހީކޮށްގެންނުވާނެ ވެރިކަމަކީ ކާބަފައިންގެ މުދަލޭ،ފާއިތުވި ރިޔާސީ އިންތިޚާބުތަކުގައި ރައްޔިތުން އަބަދުވެސް ބުރަވެފައިވަނި އަނިޔާވެރިކަމާއި ދެކޮޅަށް.
ރިޕްލައި