ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކާންޔޭ ވެސްޓްއާއި ބިއަންކާ ސެންސޮރީގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކާންޔޭއާއި ބިއަންކާ މިހާރު ވަނީ ވަރިވާން އެމީހުންގެ ވަކީލުންނަށް ހުށައަޅައި އެކަމުގެ ކަންތައްތައް ފަށާފަ އެވެ.
ކާންޔޭއާއި ބިއަންކާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް އަޑުތައް ފެތުރިފައި މިވަނީ ނިމިގެންދިޔަ ގްރެމީގައި އެމީހުންގެ ފަރާތުން ފެނުނު އަމަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެ ހަފްލާގެ ރެޑް ކާޕެޓަށް ބިއަންކާ ގޮސްފައިވަނީ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ވަރަށް ނިވާކަންކުޑަ ހެދުމެއް ލައިގެންނެވެ. އެ ހެދުމުގައި އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ފާޅުވެ އެވެ.
ރެޑް ކާޕެޓްގެ ސްޓަންޓަށްފަހު މާ ގިނައިރުތަކެއް ނުވެ ހަފްލާ އިންތިޒާމުކުރި ފަރާތުން ވަނީ ކާންޔޭއާއި ބިއަންކާ ވެސް އެ ސަރަހައްދުން ބޭރުކޮށްފަ އެވެ.
ކާންޔޭއާއި ބިއަންކާ ވަރިއަކަށް މިސްރާބު ޖަހާފައިވާ ކަމަށް އަޑުތައް އަރާފައިވީ ނަމަވެސް އެކަން އެދެމީހުންކުރެ އެއްވެސް މީހަކު ޔަގީން ކޮށްދީފައެއް ނުވެ އެވެ.