އެމެރިކާގެ ކަނޑުގެ ސިފައިން (ޔޫއޭސް ނޭވީ) އިން އާއްމުންނަށް ދޭ އެންމެ މަތީ ޝަރަފު ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒްއަށް ދީފި އެވެ.
މި ޝަރަފު ޓޮމްއަށް ދީފައިވަނީ ހޮލީވުޑްގެ ފިލްމުތަކުގައި އޭނާ ދައްކުވައިދީފައިވާ ރޯލުތަކުން އެ އަސްކަރިއްޔާއަށް ރީތި ނަން ގެނެސްދޭތީ އެވެ.
"ދަ ޑިސްޓިންގުއިޝްޑް ޕަބްލިކް ސާވިސް އެވޯޑު" ޓޮމްއަށް ދީފައި ވަނީ އެކަމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 1986 ވަނަ އަހަރު ހޮލީވުޑަށް ތައާރަފްވި ޓޮމް ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި އެކި ފަހަރުމަތިން އެމެރިކާގެ އަސްކަރިއްޔާ ތަމްސީލު ކޮށްދީފަ އެވެ.
އެގޮތުން އެމެރިކާގެ އަސްކަރިއްޔާއާ ގުޅުންހުރި ޓޮމްގެ ފިލްމުތަކުގެ ތެރޭގައި އޮސްކާއަށް ނޮމިނޭޓްވި "ޓޮޕް ގަން" އާއި "މިޝަން އިމްޕޮސިބަލް" ފަދަ ފިލްމުތައް ހިމެނެ އެވެ.
އެ އެވޯޑު ބަލައިގަންނަމުން ޓޮމް ބުނީ އަސްކަރިއްޔާގެ ފަހުލަވާނުންނަށް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ ކަމަށާއި އެ އެވޯޑަކީ އޭނާއަށް ލިބުނު އަގުނުކުރެވޭ ފަދަ ޝަރަފެއް ކަމަށެވެ.
މި އެވޯޑު މީގެ ކުރިން ލިބިފައިވާ ހޮލީވުޑްގެ ބައެއް ތަރިންގެ ތެރޭގައި ސްޓީވަން ސްޕިލްބާގްއާއި ޓޮމް ހޭންކްސް ފަދަ ތަރިން ހިމެނެ އެވެ.

ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ރޯދަ މަސް ތުރުކީގައި: މުޅިން ތަފާތު އިހުސާސެއް!
ކައުންސިލްގެ ހުއްދަ ނެތި ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދެނީ