ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ފަށާފައިވާ މަސައްކަތްތައް ވިލަރެސް ކުރުމަށް އުފައްދާފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު ހަމަޖައްސައިފި އެވެ.

އަސްމާ އެ މަގާމަށް އައްޔަނުކުރިކަން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.

ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ހަމަޖެއްސި އިރު، އަސްމާ ވަނީ މީރާގައި ގިނަ ދުވަސްތަކެއްގެ ވަންދެން ޚިދުމަތް ކުރައްވާފަ އެވެ. އެގޮތުން، 2010 ވަނަ އަހަރުން ފެށިގެން މީރާގައި މަސައްކަތް ކުރައްވާފައިވާއިރު، އޭނާ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އަސްމާގެ މަގާމުގެ ދައުރު މިދިޔަ އޮކްޓޯބަރމަހު ވަނީ ހަމަވެފަ އެވެ.

އެ މަގާމުގެ ޒިންމާތައް ކަމުގައި ބުނެފައިވަނީ އިގުތިސާދީ އަދި އެސްއޯއީ އަދި މާލީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ރިފޯމް އެޖެންޑާ އެކުލަވައިލާ ތަންފީޒުކުރުމެވެ. އަދި އިސްތިރާޖީ އެޑްވައިސް ދިނުމާއި އަޅަންވީ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީއަށް ބުނެދިނުމަކީވެސް ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ދައުލަތުގެ ކުންފުނިތައް ރިފޯމް ކުރުމާއެކު ފިސްކަލް ރިފޯމްތަކުގެ މަސައްކަތްތައް ވެސް ކޮމިޝަނަރުގެ ޒިންމާގެ ތެރޭގައި ހިމެނެ އެެވެ.

ދައުލަތުގެ އިގުތިސާދީ ހާލަތު ގޯސްވެ ސަރުކާރުން މިހާރު ވެސް ރިފޯމްގެ މަސައްކަތް ވެސް ވަނި ފަށައިފަ އެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ނިޒާމު، އާސަންދައާއި ބައެއް ސަބްސިޑީތައް މުރާޖާކުރުމުގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގިނަ އިސްލާހީ ފިޔަވަޅުތަކަކާއެކު އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޖުމުލަ 11.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.