ހަމައެކަނި ފަރުދުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަކުން ނުނިމޭ ކަމަށާއި ހަމަ އެފަދައިން ދައުލަތުގެ ހައްގުތަކަށް ވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ރޭ ބޭއްވި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވަނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ރާއްޖެއިން މިހާތަނަށް ގިނަ ކުރިއެރުންތަކެއް ހޯދާވާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ތަހުޒީބު މުޖްތަމައުގެ ތަރައްގީއާއި އިންސާނީ ހައްގުތައް ގުޅިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެއާއެކު އިންސާނީ ހައްގުތައް ކަށަވަރު ކުރެވޭނީ ދައުލަތުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ފަރުދުންގެ ހައްގުތަކަށް އިހުތިރާމް ކުރާ ފަދައިން ދައުލަތުގެ ހައްގުތަކަށް އިހުތިރާމުގެ މުހިއްމުކަން މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
"ވަކިވަކި ފަރުދުންގެ ހައްގުތަކަށް އިހުތިރާމް ކުރާ ފަދައިން ދައުލަތުގެ ހައްގުތަކަށް ވެސް އިހުތިރާމް ކުރަންޖެހޭ. މިކަން ކުރެވޭނީ މީހުންގެ ވިސްނުން ބަދަލުކޮށްގެން،" މިިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ނާޒިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން މިއަހަރު ކޮށްފައިވާ "ރައިޓް ސައިޑް އޮފް ލައިފް" ދިރާސާގެ ރިޕޯޓް ނެރެދެއްވާފަ އެވެ. މި ދިރާސާއަކީ އެކޮމިޝަނުގެ މަސައްކަތާއި ރާއްޖޭގެ އިންސާނީ ހައްޤުތައް ކަށަވަރު ކުރެވޭ މިންވަރު ވަޒަންކޮށް، ހައްޤުތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ.
މީގެ އިތުރުން މިރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު މިއަހަރު އެކޮމިޝަނަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ރައިޓް ސައިޑް އޮފް ލައިފް ދިރާސާގެ މަސައްކަތް ކަމަށެވެ. އަދި ދިރާސާގެ އަލީގައި ފާހަގަވިކަންކަން ދައުލަތުގެ އިދާރާތަކަށް ހުށަހަޅުއްވައި އިސްލާހުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑެސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.