ހަށިގަނޑުގެ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށްމެ އެއީ ކިހާ ވަރެއްގެ ކެތްތެރިކަމެއް ބޭނުންވާ، ބުރަ މަސައްކަތެއްކަން އެނގޭނެ އެވެ.
މަސްތަކެއް ވަންދެން ކެއުމަށް ބަލައިގެން، ގަވާއިދުން ކަސްރަތު ކޮށްގެން ލުއި ކޮށްލާ ބަރުދަން، ފަރުވާ ކުޑަ ކުރެވޭ ކުޑަ ކުޑަ ކަމަކުން ނުވަތަ މީރު އެއްޗެއް ކާލެވޭ ފަހަރަކުން މާ ފަސޭހައިން އިތުރު ވެގެންދެ އެވެ.
މިއީ ހަށިގަނޑަށް ދިމާވާ މައްސަލައެއް ނޫނެވެ. މިއީ އިންސާނާގެ ހަށިގަނޑު އުފެދިފައިވާ ގޮތެވެ. މިކަމުގެ ސަބަބުތައް، ފިޓްނަސް ދާއިރާގައި 18 އަހަރުގެ ތަޖުރިބާ ހުރި ކޯޗު ރާޖް ގަންޕަތު ވަނީ ސާފު ކޮށްދީފަ އެވެ.
ކެލޮރީ އެތެރެ ކުރުން މާ ފަސޭހަ
ބަރުދަން ލުއިކުރުމުގެ އަސާސީ ގާނޫނަކީ ހަށިގަނޑަށް އެތެރެކުރާ ކެލޮރީއަށްވުރެ ބޭރުކުރާ ކެލޮރީ އިތުރު ކުރުމެވެ. ނަމަވެސް، ކެއުން ކޮންޓްރޯލް ކުރުމަށްވުރެ އިތުރަށް ކެއުމަކީ އިންސާނާއަށް މާ ފަސޭހަ ކަމެކެވެ.
ކޯޗު ރާޖް ކިޔައިދިން ގޮތުގައި، ދުވާލަކު 2،000 ކެލޮރީ ކާ މީހަކު، އޭގެއިން 500 ކެލޮރީ މަދު ކުރަން ބޭނުންނަމަ އެއީ ކުރަން އުނދަގޫ ކަމެކެވެ.
އޭނާ ހުންނަންޖެހޭނީ ބަނޑުހައިކަން މަތީގަ އެވެ. ނަމަވެސް، އިތުރަށް 500 ކެލޮރީ ކާލަން ބޭނުންނަމަ، އެއީ ހަމައެކަނި ކޭކު ފޮައްޗެއް ކާލުން ފަދަ މާ ފަސޭހަ ކަމެކެވެ. އެހެންކަމުން ހަށިގަނޑަށް ކެލޮރީ އެތެރެ ކުރުން މާ ފަސޭހަ އެވެ.
ކެލޮރީ "ބާން" ކުރުން މާ ބުރަ
ހަމަ އެހެންމެ، ހަކަތަ ނުވަތަ ކެލޮރީ ބާން ކުރުމަށްޓަކައި ހަށިގަނޑު ދާހިއްލާ، ކަސްރަތުކޮށް، ހިނގަންޖެހެ އެވެ. މިކަން ދެމެހެއްޓުމަކީ ބުރަ މަސައްކަތެކެވެ. އެކަމަކު ކެލޮރީ ބާންކުރާ މިންވަރު މަދު ކުރަން ބޭނުންނަމަ، އޮތީ ހަމައެކަނި ކަސްރަތު ނުކޮށް، އޮށޯވެގެން ފޯނުން ރީލްސް ބަލަން ނުވަތަ ފިލްމެއް ބަލަން އޮތުމެވެ.
މި ދެ ކަންތައް އެއްކޮށްލުމުން އެނގެނީ، ހަށިގަނޑަށް ހަކަތަ ޖަމާކުރުން ފަސޭހަވެފައި، އެ ހަކަތަ ބޭރު ކުރުން އުނދަގޫވާ ކަމެވެ. ބަރުދަން ލުއިކުރުން އުނދަގޫވާ މައިގަނޑު ސަބަބަކީ މިއީ އެވެ.
ހަށިގަނޑު އުފެދިފައިވަނީ ސަލާމަތްތެރިކަމަށް
އިންސާނާގެ ހަށިގަނޑު މިގޮތަށް ފަރުމާވެފައިވަނީ އިންސާނާ ދިރިހުރުމަށް ބޭނުންވާ އަމިއްލަ ސަލާމަތްތެރި ކަމަށްޓަކަ އެވެ.
އިންސާނާގެ ތާރީހަށް ބަލާއިރު، ހަށިގަނޑުން ފަސޭހައިން ހަކަތަ ބޭރުވެ، ހަކަތަ ރައްކާކުރަން އުނދަގޫވިނަމަ، ކާނާ މަދުވި ޒަމާންތަކުގައި އިންސާނުން ބަނޑަށް މަރުވީހެވެ. ހަށިގަނޑު ފަރުމާވެފައިވަނީ ކާނާ ލިބޭ ވަގުތު އޭގެއިން ފެޓްސް (މަސް) އުފައްދައި، ހަކަތަ ރައްކާ ކުރުމަށެވެ.
ހަށިގަނޑު ބަލަނީ ފަލަވުމަކީ ބަލިމަޑުކަމެއްގެ ނުރައްކަލެއް ކަމަށެވެ. ނަމަވެސް ހަކަތަ ހުސްވުމަކީ މަރުގެ ނުރައްކަލެއް ކަމަށެވެ. އެހެންކަމުން ހަށިގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ހަކަތަ ރައްކާ ކުރާށެވެ.
ޙައްލަކީ ކޮބާ؟
މި ސަބަބަށްޓަކައި، ބަރުދަން ލުއިކުރަން އުޅޭއިރު ހަށިގަނޑާ "ހަނގުރާމަ" ކުރުމުގެ ބަދަލުގައި، ހަށިގަނޑުގެ ނިޒާމާ ގުޅޭ ގޮތަށް މަޑުމަޑުން އާދަތައް ބަދަލު ކުރަންޖެހެ އެވެ.
ކުއްލިއަކަށް ކެއުން މާބޮޑަށް ހުއްޓާލުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ފަދަ ކުދިކުދި ބަދަލުތައް ކެއުމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނައުމަކީ ބަރުދަން ލުއި ކުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ.
އާ ކައިވެންޏާ ބެހޭ ގޮތުން އާމިރު ވާހަކަ ދައްކައިފި
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި