ސޯލާ ސިސްޓަމްގެ ޕްލެނެޓެއް ކަމަށްވާ ވީނަސްގައި އެއްވެސް އިރެއްގައި ކަނޑުފަޅު އުފެދިފައިނުވާ ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ވީނަސްއަކީ ހިކިފަސް ޕްލެނެޓެއްގެ ގޮތުގައި އޮތް ޕްލެނެޓެއް ނަމަވެސް މީގެ ކުރިން އެ ޕްލެނެޓްގައި ފެން އުފެދިފައިވޭތޯ ސައިންސްވެރިން އަބަދުވެސް އައީ ބަހުސް ކުރަމުންނެވެ. މި ބަހުސަށް ޖަވާބެއް ހޯދުމުގެ ގޮތުން ކުރެވުނު ދިރާސާއިން ހާމަވި ގޮތުގައި ވީނަސްގެ ފިނިހޫނުމިނަކީ ފެން އޭގެ ދިޔާ ޒާތުގައި ހުންނަ ވަރަށްވުރެ ހޫނުގަދަ ފިނިހޫނު މިނެކެވެ.

2016 ވަނަ އަހަރު ކުރެވުނު ދިރާސާއެއްގައި މީގެ އެތައް ބިލިއަން އަހަރެއް ކުރިން ވީނަސްގައި ފެން ހުރި ކަމަށް ބެލެވުނު ނަމަވެސް މި ދިރާސާއިން މިވަނީ އެކަން ދޮގުކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން ވީނަސްގައި ފެން ހުންނަނީ "ސްޓީމް" ނުވަތަ އާވީގެ ގޮތުގައި ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ވީނަސްގެ ހިކިފަސްކަމުގެ ސިއްރަކީ އެ ޕްލެނެޓްގެ ވައިގައި ހައިޑްރޮޖަން ނެތުން ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.

ވީނަސްއަކީ ސޯލާ ސިސްޓަމްގައި އިރާ ޖެހިގެން ދެވަނައަށް ވާ ޕްލެނެޓެވެ. އެހެން ކަމުން އަހަރުމެން މިއުޅޭ ދުނިޔެއާ އަޅާބަލާއިރު ވީނަސްގެ ފިނިހޫނުމިން އެތައް ހާސް ގުނައެއް އިތުރެވެ.