ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސްވަރާ ބާސްކަރް ހެދުން އަޅާ ގޮތަށް ފާޑުކިޔާ މީހުންނަށް އޭނާ ވަރުގަދަ ރައްދެއް ދީފި އެވެ.
އެކްސްގައި ކުރި ޓްވީޓެއްގައި ސްވަރާ ބުނެފައިވަނީ އޭނާ ހެދުން އަޅާ ގޮތަކީ އިންޓަނެޓުގައި ބަހުސަކަށް ވާނެ ކަމެއް ކަމަށް ހީނުކުރާ ކަމަށެވެ.
މިފަހުން ސްވަރާއަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ފަހަދު އަހުމަދުއާ ކައިވެނި ކުރުމަށްފަހު އިސްލާމީވަންތަ ހެދުން އަޅާތީ އެވެ.
އިންޓަނެޓްގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯގައި ފެންނަނީ އާދައިގެ ހަރުވާޅު ހެދުމެއްގައި އިސްތަށިގަނޑު ވެސް ނިވާކޮށްގެން ހުރި މަންޒަރެވެ.
ސްވަރާގެ ޓްވީޓުގައި އޭނާ ވަނީ ފަހަދުއާ އެއްކޮށް ނަގާފައިވާ ބައެއް އެހެން ފޮޓޯތައް ވެސް ހިއްސާ ކޮށްފަ އެވެ. އެ ފޮޓޯތަކުގައި އޭނާ ހުޅަނގުގެ ސްޓައިލަށް ހެދުން އަޅާފައި ހުރިކަން ފާހަގަކުރެވެ އެވެ.
ސްވަރާއަކީ އަބަދުވެސް އޭނާއަށް އަމާޒުކޮށް ފާޑުކިޔާ މީހުންށް ހޫނު ރައްދު ދޭ ތަރިއެއްގެ ގޮތުގައި ފާހަގަވެފައިވާ ތަރި އެކެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ ވަނީ އެގޮތަށް ކަންތައް ކޮށްފަ އެވެ.