މިނިވަން މުސްތަގިއްލު ދެ މުއައްސަސާގޮތުގައި މަސައްކަތް ކުރަމުންއައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލުގެ ދަށަށް ގެންދާތީ އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އީސީއާއި އޭސީސީގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ބަދަލުކުރަން ގާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
އެ ދެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ރައީސްކަމާއި ނައިބު ރައީސް ކަމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު އެމަނިކުފާނަށް ލިބިގެންވާ ކަމަށް އެ އިސްލާހުގައިވެ އެވެ.
މިހާރު ގާނޫނު އޮތްގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
މިއާއެކު ރައްޔިތުންގެ ނިންމުންތަކާއި ސަރުކާރު ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތުގެ ބޮޑުބައެއް ހިއްސާކުރާ މި ދެ މުއައްސަސާއަށް ރައީސްގެ ނުފޫޒު އޮންނަ ގޮތަށް ބަދަލުކުރަން ނިންމުމާއެކު، އާއްމުންނާއި އިިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އެތެރެ ނުފެންނަ ވޯޓުފޮއްޓާ، ކުޑަކާފު ބޮޑުކާފު ކިޔައިގެން ރައްޔިތުންގެ ވޯޓުގައި ބަނޑުއެޅުވޭނެ ޒަމާނެއް ދެން މިރާއްޖެއަކަށް ނުގެނެވޭނެ ކަމަށެވެ. "ކޮރަޕްޝަން ބަލާ މީހުންނަށް ޅިޔަނުންގެ އޮފީސް އޮފީހަށް ވަނުން މަނާކުރެވޭ ދައުރެއްވެސް ދެން ދިވެހީން ނުދެކޭނެ. ރީތިކޮށް ތާހިރުކޮށް ވެރިކަމެއް ކޮށްދޭން އެނގިނުލައްވަންޏާ ފަހަތަށް ޖެހިލައްވާ!" އޭނާ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ކުރީގެ ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެން ފިރުސާން ވިދާޅުވީ އިލެކްޝަން ކޮމިޝަންއާއި، އޭސީސީގެ ރައީސް އާއި ނައިބު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާގޮތަށް ހެދުމުން މުއައްސަސާގެ މިނިވަންކަން ގެއްލުނީ ކަމަށެވެ. "ދިވެހީންގެރާއްޖެ 50 އަހަރު ފަހަތަށް. ހުރިހާ މިނިވަން މުއައްސަސާތައް އުވާލާފަ، އެ މަސައްކަތްތައް ރައީސް އޮފީހުން ކުރަންވީނުންތޯ" އޭނާ ވިދާޅުވި އެވެ.
މިކަމުގެ ދިފާއުގައި ދައުލަތުގެ ބަންޑާރަ ނައިބު އަދި ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސުވާލުކުރެއްވީ ކުރިން އެމްޑީޕީ ވެރިކަމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުން ރައީސުލްޖުމްހޫރިއްޔާއަށް ބަދަލުކުރަން ނިންމުމުން މައްސަލައަކަށް ނުވެފަ މިހާރު މައްސަލައަކަށް ވަނީ ކީއްވެތޯ އެވެ.
"ކޮން ހަމައަކުން ތޯ ސިވިލް ސާރވިސްއާއި، އޭސީސީ އަދި އީސީ އެއްހަމަ ތިޔަ ކުރައްވަނީ؟! އޭސީސީ ގެ މަސައްކަތްތަކަށް ރައީސް މުއިއްޒު އަތްބާނަން ކުރާކަމެއް، އަދި އިންތިހާބުތަކަށް އަތްބާނަން ކުރާކަމެއް. އެނޫން ކޮން ބޭނުމެއްތޯ އޮތީ އޭޖީ އެކުވެރި އުޝާމް ނިކަން ވިދާޅުވެބައްލަވާ؟" ބަންޑާރަ ނައިބުގެ މި ހަނި ވިސްނެވުމުގެ ޕޯސްޓަށް ރައްދު ދެއްވަމުން ފިރުޝާން ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
އީސީގެ ކޮންޓްރޯލް ރައީސް ނެންގެވުމުން ސިޔާސީ ޕާޓީތަކުގެ ކަންކަމާއި އިންތިހާބުތަކާއި ގުޅޭ ހުރިހާ ކަމަކަށް ރައީސްގެ ނުފޫޒު ފޯރުވުމުގެ ބާރު އޮންނާނެ އެވެ. އަދި މި ސަރުކާރުގައި ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މި ނިންމުމާއެކު ރައީސް ބޭނުންފުޅު ގޮތަަކަށް އޭސީސީގެ ކަންކަން ބައްޓަންކުރެއްވޭނެ އެވެ.