ރާއްޖޭގެ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމަށް އެންމެ ބޮޑު ހިތްވަރެއް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން ކުރެއްވި ހުސެއިން މުހައްމަދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު އަވަހާރަވި ހުސައިންގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ރައީސް ވިދާޅުވީ މީގެ 32 އަހަރު ކުރިން ޓީވީ މޯލްޑިވްސްގައި ހުސައިންގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިިވަޑައިގަތުމަކީ ގައުމުގައި ހުރި ކަންކަމާ މެދު ވިސްނައިވަޑައިގަނެވުނު ސަބަބު ކަމަށެވެ.
އެތަނުގައި އޭރު މަސައްކަތް ކުރެއްވި އިރު، ހުސެއިން މުހައްމަދު އެމަނިކުފާނަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ގިނަ މަސައްކަތްތައް ހަވާލު ކުރައްވައި، ކުރިއެރުމަށް ގިނަ ފުރުސަތުތައް ހޯއްދަވައި ދެއްވިކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ބައްދަލުވުން ވެގެން ދިޔައީ ގައުމުގައި ހުރި ކަންކަމަށް އަޅުގަނޑުގެ ލޯ ހުޅުވައިދިން ބައްދަލުވުމަކަށް. ސިޔާސީ ދާއިރާއަށް ނުކުތުމުގެ ވިސްނުމާއި ޚިޔާލު ލިބުނީ އެ ފުރުސަތުގެ ސަބަބުން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން ފުރަތަމަ ދެ ބޭފުޅުން މަސައްކަަތް ކުރެއްވީ ފިކުރު ތަފާތު ދެ ޕާޓީއެއްގައި ކަމަށް ވިޔަސް، ހުސައިންގެ އިރުޝާދު އަބަދުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ފަހުން އިސްލާހީ ހަރަކާތްތަކުގަަ އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ހުސައިންގެ އެހީތެރިކަން ލިބިވަޑައިގަތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކަން ދިމާކުރި ގޮތުން އެއް މުޒާހަރާގައި އަޅުގަނޑު ވެސް ޖަލަށް ދާން ޖެހުނު. އެރޭ އަޅުގަނޑާ އެކީގައި ހުސައިން ވެސް ޖަލަށް ވަޑައިގަތް. އެއް ރޭ ދޫނިދޫގައި އަޅުގަނޑުމެން ހޭދަކުރަން ޖެހުނު،" ރައީސް ވިދާޅުވި އެވެ.
ހުސައިން މުޙައްމަދުގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ރައީސްގެ އިތުރުން ނައިބު ރައީސް އާއި، ވަޒީރުންނާއި ސިޔާސީ ބޭފުޅުންނާއި، އޭނާއާއެކު ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހުސައިން މުހައްމަދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ވެސް ފުރުއްވެވި އެވެ.