އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭސް (ޑީއެމްއާރްއާރް) 2024 ކުރިއަށްދާ ވަގުތުގައި ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްގަމު އުޅަނދުތަކަށް ރޭސް ރޫޓްގައި ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ވަނީ ޒަރޫރީ އުޅަނދުތަށް ފިޔަވާ އެހެން ހުރިހާ އުޅަނދުތަކަކަށް ރޯޑް ރޭސް އޮންނަ ވަގުތުތަކުގައި މަގުތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް މި ވަގުތުތަކުގައި ރޭސް ރޫޓްގައި އޮތޮރައިޒްޑް އިވެންޓް ވެހިކަލްތަކަށް ދުއްވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މަގު ބަންދު ކުރެވޭނެ ގަޑިތަކަކީ:
• ފަތިހު 5:00 އިން ހެނދުނު 9:00 އަށް
• ހަވީރު 4:00 އިން 6:00 އަށް
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ޑީ.އެމް.އާރް.އާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެ އެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30ގަ އެވެ.
ޑީއެމްއާރްއާރްއަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުންވެސްމެވެ.