މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 3.6 ޕަސެންޓް ދަށްވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއިން ބަލައިގަތް ޖުމުލަ އާމްދަނީ އަކީ 3.41 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 0.2 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް އެއީ ޖުލައި 2026 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 3.6 ޕަސެންޓް ދަށް އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.

މީރާ އިން ބުނީ ޖުލައި 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ ޖުލައި މަހު ލިބުނު އާމްދަނީ 0.2 ޕަސެންޓް އިތުރުވި މައިގަނޑު ސަބަބުތަކަކީ، ބޭންކް އިންކަމް ޓެކްސް، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، އަދި ޖީޖީއެސްޓީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.

މީރާ އިން ބުނީ ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައި ވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، އިންކަމް ޓެކްސް ލައިބިލިޓީ 2026 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ކުރީ އަހަރަށް ވުރެ އިތުރު ވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އާމްދަނީ ޖުލައި 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2026 ގައި އިތުރުވެފައިވުމަކީ ވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބު ކަމަށް ވެސް މީރާއިން ބުނެ އެވެ. އަދި މިދިޔަ ޖުލައި މަހު އާންމު ދާއިރާގެ ޖީއެސްޓީ ލިބުނު މިންވަރު އިތުރުވެފައި ވަނީ، ޖުލައި މަހުގެ ކުއާޓަލީ ޖީއެސްޓީ ސުންގަޑިއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކާ ނިންމާފައިވާތީ ކަމަށް ވެސް މީރާ އިން ބުނެ އެވެ.

މީރާ އިން ބުނީ މިދިޔަ މަހަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ނަން- ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުގެ އިތުރުން ބޭންކް އިންކަމް ޓެކްސް ދަށްވުމުން ކަމަށެވެ. އަދި އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައި ވަނީ، އިންކަމް ޓެކްސް ނެގުމުގެ މުއްދަތު ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮގަސްޓް 2 އަށް މުއްދަތު އިތުރު ކޮށްފައިވާތީ ކަމަށް ވެސް މީރާ އިން ބުނެ އެވެ.

އެ އިދާރާ އިން ބުނީ ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައި ވަނީ، ޖުލައި މަހުގެ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާ ދައްކާ ނިންމާފައިވާތީ ކަމަށެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ މިންވަރު ވަނީ 3.1 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަ ޖުލައި މަހު ވަނީ ޖުމްލަ 449 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 248 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 78 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް މީރާއިން ބުނެ އެވެ.

މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 30 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އަދި މިދިޔަ ޖުލައި މަހު ލިބިފައިވާ އާމްދަނީގެ 18.4 ޕަސެންޓް އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ 11.0 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް ވެސް މީރާއިން ބުނެ އެވެ.

އެ އިދާރާއިން ބުނިގޮތުގައި މިދިޔަ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 48.6 ޕަސެންޓް ނުވަތަ 1.66 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެއީ 30.4 ޕަސެންޓް ނުވަތަ 1.05 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 142 މިލިއަން ރުފިޔާ (4.2 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 136 މިލިއަން ރުފިޔާ (4.0 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (3.9 ޕަސެންޓް)، އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 81 މިލިއަން ރުފިޔާ (2.4 ޕަސެންޓް) ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 108.36 މިލިއަން ޑޮލަރު ހިމެނެ އެވެ.